ވާދަވެރި ފައިނަލަށް ވެލާ އާއީ އެމްވީ ޔުނައިޓެޑް މިއަދު ނުކުންނަނީ

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އެމްވީ ޔުނައިޓެޑާއި ވެލާ ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން– ފޮޓޯ/އިބްރާހިމް ނަޒީހް

އޭދަފުށީ ކައުންސިލްގެ ކްލަބް އޭދަފުށިން އިންތިޒާމުކޮށްގެން މިހާރު ކުރިއަށްގެންދާ އެސްޓީއޯ އޭދަފުށި ކަޕްގެ ފައިނަލުގައި ވެލާ ސްޕޯޓްސް ކްލަބާއި އެމްވީ ޔުނައިޓެޑް މިއަދު ހަވީރު ވާދަކުރާނެ އެވެ.

މި ދެޓީމަކީ ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ތިބި ދެޓީމެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ފަސް ޓީމަކުން ވާދަކުރިއިރު ވެލާ ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވިއިރު އެޓީމަށް ތިން ޕޮއިންޓް ނުލިބުނީ ހަމައެކަނި އެމްވީ ޔުނައިޓެޑާ ވާދަކުރި މެޗުންނެވެ. އެ މެޗުން މޮޅުވާން ދަނިކޮށް ފަހު ވަގުތު ލިބުނު ޕެނަލްޓީއެއް ވައްދާލައިގެން އެމްވީ ޔުނައިޓެޑުން ވަނީ 2-2 އިން ނަތީޖާ އެއްވަރުކޮށްފަ އެވެ.

އެމްވީ ޔުނައިޓެޑް ފައިނަލަށް ދަތުރުކުރީ މުބާރާތުގެ ސެމީ ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން ހުސް ސޮނގުން ބަލިކޮށްގެންނެވެ. 1-1 އިން ނަތީޖާ އެއްވަރުވި މެޗުގައި ޕެނަލްޓީގައި އެމްވީ ޔުނައިޓެޑް ކުރި ހޯދީ 7-6 އިންނެވެ. އެމްވީ ޔުނައިޓެޑުން މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވީ ދެ މެޗުންނެވެ. ހުސް ސޮނގުން އަތުން ބަލިވިއިރު ވެލާއާ ވާދަކޮށް އެއްވަރުވީ އެވެ. އެކަމަކު އޭދަފުށީ ވެޓަރަންސް ޓީމާއި ބީކޭ ފުޓްބޯޅަ ޓީމާ ދެކޮޅަށް ކުޅެ އެމްވީ ޔުނައިޓެޑުން ހޯދީ ބޮޑު މޮޅުތަކެކެވެ.

މިއަދުގެ މެޗަށް ނުކުންނައިރު ދެޓީމުގައި ވެސް ފާހަގަކޮށްލެވޭ ގިނަ ކުޅުންތެރިންތަކެއް އެބަތިއްބެވެ. އެމްވީ ޔުނައިޓެޑަށް ބަލާއިރު އެންމެ ފާހަގަކޮށްލެވެނީ މުބާރާތުގައި މިހާތަނަށް އަށް ލަނޑު ޖަހާފައިވާ މުހައްމަދު ފާސިރު (ފާއްޓޭ) އެވެ. ފާއްޓޭ އަކީ ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ފަހުގެ ޓްރާންސްފާ ބާޒާރުގައި ކްލަބް އީގަލްސް އަށް ބަދަލުވެފައިވާ ކުޅުންތެރިއެކެވެ. ފާސިރުގެ އިތުރުން އެމްވީ ޔުނައިޓެޑް ފައިނަލަށް ގެންގޮސްދިނުމުގައި މޮޅު ކުޅުމެއް ދެއްކި އެޓީމުގެ ގޯލްކީޕަރު އަބްދުﷲ ޒިޔަޒަން އަކީ ވެސް މުހިއްމު ކުޅުންތެރިއެކެވެ. ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާ ބޮޑު ޒިޔަޒަން އަކީ އޭދަފުށީގައި ބާއްވާ ފުޓްބޯޅަ މުބާރާތްތަކުގައި ވެސް މޮޅު ކުޅުން ތަކުރާރުކުރާ ކުޅުންތެރިއެކެވެ.

ވެލާ ސްޕޯޓްސް ކްލަބަށް ބަލާއިރު އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިއަކީ އެޓީމުގެ ކެޕްޓަން ޝާހީ މޫސާ އެވެ. މީގެ އިތުރުން މި މުބާރާތުގައި ވެލާ އަށް ކުޅެމުން އަންނަ ކ. ހުރައަށް ނިސްބަތްވާ މުހައްމަދު ތަޝްމީން (ތައްތި) އަކީ ވެސް އެޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. މި ދެކުޅުންތެރިންގެ އިތުރުން ފާއްޓޭގެ ފަހަތުން ލަނޑު ލިސްޓުގައި ދެ ވަނައިގައި އުޅޭ އަބްދުއްސަލާމް ހާމިދު އާއި ހުސައިން ޝަރީފް ވެސް އަންނަނީ ވެލާ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މިއިން ކޮންމެ ކުޅުންތެރިއަކު މުބާރާތުގައި މިހާތަނަށް ވަނީ ތިން ލަނޑު ޖަހައިފަ އެވެ.

ވެލާ އާއި އެމްވީ ޔުނައިޓެޑް ވާދަކުރާ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ. އޭދަފުށީ ޓާފް ފުޓްބޯޅަ ދަނޑުގައި ކުޅޭ މި މެޗު ކްލަބް އޭދަފުށި ފޭސްބުކް ޕޭޖުން ވަގުތުން ދައްކާނެ އެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.