ބ. ކިހާދޫ ފަޅުތެރެއަށް މީގެ ދުވަސްކޮޅެއް ކުރިން ވަތް މުށިމަސް އައިނާ އެކު އެރަށުގެ ފަޅުތެރެ މުށި މަހުން ތިޔާގިވެއްޖެ އެވެ.
ކިހާދޫން “އީޓީ” އަށް މައުލޫމާތު ދިން މީހަކު ބުނީ އެރަށު ފަޅަށް މުށިމަސް އައިނު ވަންތާ މިހާރު ދެތިން ހަފްތާ ވެއްޖެ ކަމަށާއި އެކަމަކު އާއްމުކޮށް މީހުން މުށި މަސްބާނަން ދާންފެށީ މީގެ ހަފްތާއެއްހާ ދުވަސްކުރިން ކަމަށެވެ. އޭނާ ބުނިގޮތުގައި މުށިމަސް ބާން މިއަދުވެސް ކިހާދޫގެ ވަރަށް ގިނަ ބަޔަކު ނުކުމެ ތިބި ކަމަށެވެ.
“މިހާރު ގާތްގަޑަކަށް މުޅި ރަށް ވަށާ ފަޅުތެރޭގައި އޮތީ މުށިމަސް ގަނޑު، މިއަދު އާދަޔާ ޚިލާފަށް މުށި މަސް ބާނަން ގޮސްތިބި މީހުން ގިނަ. އޭގެ ތެރޭގައި ކުދި ބޮޑު އެންމެން ކަހަލަ ގޮތަކަށް އުޅޭ. ހެނދުނާ ހަވީރު މިރަށުގެ ގިނަ ބަޔަކު އުޅޭނީ މިދުވަސްކޮޅު މުށިމަސް ބޭނުމުގައި،” އޭނާ ބުންޏެވެ.
ކިހާދޫ މީހުން ބާނާ އެ މަސްތައް ގިނަ މީހުން ތެލުލަނީ އެވެ.
“އާއްމުކޮށް ގިނަ ބަޔަކު ބޭނުންކުރަނީ ތެލުލަން. ދެން ގަރުދިޔަ ކައްކާ އެކަހަލަ ކަންކަމަށް ވެސް ބޭނުންކުރޭ. ދެން މިދުވަސްކޮޅު މާލެއިން ކަރަންޓީނަށް އައިސްތިބި މީހުންގެ ގޭގެއަށް ބަހައި ހަދަނީ،” ކިހާދޫން ވާހަކަދެއްކި މީހާ ބުންޏެވެ.
މިގޮތަށް ކުދިބޮޑު އެންމެން ނުކުމެ މުށިމަސް ބޭނުމަކީ ވަރަށް އުފާވެރިކަމެއް ކަމަށާއި މިހާރު ހީވަނީ ރަށަށް އީދެއް އައިސްގެން އުޅޭހެން ކަމަށް ވެސް އޭނާ ބުންޏެވެ.
އެކި މޫސުންތަކަށް ގިނަ ރަށްރަށުގެ ފަޅުތެރެއަށް މުށިމަސް އައިންތައް ވަދެ އެވެ. އަދި ކުދި ދޯނި ފަހަރުގައި ނިކުމެ، މަސް ބާނާ މަންޒަރު އެ ރަށްތަކުން ވެސް ފެނެ އެވެ.