އެކުވެރިކަމުގެ މެޗުން ގައުމީ އަންހެން ފުޓްބޯޅަ ޓީމު މޮޅުވެއްޖެ

ގައުމީ އަންހެން ފުޓްބޯޅަ ޓީމާއި އޭދަފުށީ އަންހެން ފުޓްބޯޅަ ޓީމާ ދެމެދު މިއަދު ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން

އޭދަފުށީ އަންހެން ފުޓްބޯޅަ ޓީމާ ދެކޮޅަށް މިއަދު ކުޅުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗުން ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު މޮޅުވެއްޖެ އެވެ. އޭދަފުށީ ޓާފް ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ގައުމީ އަންހެން ފުޓްބޯޅަ ޓީމު މޮޅުވީ 3-0 އިންނެވެ.

މެޗަށް ގައުމީ އަންހެން ޓީމު ނެރުނީ ނިސްބަތުން ޒުވާން ޓީމެކެވެ. އޭދަފުއްޓަށް ގައުމީ އަންހެން ޓީމު ޒިޔާރަތްކުރީ އެޓީމު މިހާރު ތައްޔާރުވަމުން އަންނަ އޭއެފްސީ ވިމެންސް އޭޝިއަން ކަޕްގެ ކޮލިފައިން އަށް ތައްޔާރުވުމުގެ ގޮތުން ތަމްރީނު ދަތުރެއްގަ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. މެޗުގެ ދެ ވަނަ ހާފުގައި ގައުމީ އަންހެން ޓީމުގެ ތިން ލަނޑުގެ ތެރެއިން ފުރަތަމަ ދެ ލަނޑު ރާނިޔާ އިބްރާހީމް ޖެހިއިރު ފަހު ލަނޑު ކާމިޔާބުކޮށްދިނީ ފާތިމަތު ތީބާ އެވެ. މެޗުގެ ދެ ވަނަ ހާފުގައި އޭދަފުށީ ޓީމުން ވަރުބަލިކަން ފެނުނެވެ.

11 އަހަރަށް ފަހު ގައުމީ އަންހެން ޓީމު ވިމެންސް އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާއިރު ޓީމަށް ކޯޗެއް ހޯދުމުގެ މަސައްކަތް އެފްއޭއެމުން މިހާރު އަންނަނީ ކުރަމުންނެވެ. އަންހެން ޓީމު ކޮލިފައިންގައި ލައްވާލީ ތަޖިކިސްތާނާއި ވިއެޓްނާމް އަދި އަފްގާނިސްތާނާ އެކު ގްރޫޕް ބީގަ އެވެ. ފުރަތަމަ މެޗުގައި ކޮލިފައިން ހޯސްޓްކުރާ ތަޖިކިސްތާނާ ދެކޮޅަށް ނުކުންނައިރު ދެ ވަނަ މެޗުގައި ނުކުންނާނީ ވިއެޓްނާމާ ދެކޮޅަށެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެ ވާދަކުރާނީ އަފްގާނިސްތާނާ އެވެ. އޭއެފްސީ ވިމެންސް އޭޝިއަން ކަޕް އޮންނާނީ އަންނަ އަހަރު އިންޑިއާގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.