ގައުމީ ޓީމުގެ ސްކޮޑަށް އަރާވަރުގެ ހަތަރު ކުޅުންތެރިން އެބަތިބި: ޑުންގާ

އިއްޔެ ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމާ ދެކޮޅަށް ނުކުތް އޭދަފުށީ އަންހެން ފުޓްބޯޅަ ޓީމުގައި ގައުމީ ޓީމަށް ކުޅެވޭ ފެންވަރުގެ ހަތަރު ކުޅުންތެރިއަކު އެބަތިބި ކަމަށް އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރ އަހުމަދު ޝަރީފް (ޑުންގާ) ވިދާޅުވެއްޖެ އެވެ.

އިއްޔެގެ މެޗު ގައުމީ ޓީމުން 3-0 އިން ކާމިޔާބުކުރީ މެޗުގެ ދެ ވަނަ ހާފުގައި ޖެހި ލަނޑުތަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ގައުމީ ޓީމުން ލަނޑެއް ޖެހިނުދީ އޭދަފުށީ ޓީމުން ވަނީ ހިފަހައްޓައިފަ އެވެ. އޭދަފުށީ ޓީމުން ފާހަގަކުރެވުނު ހަތަރު ކުޅުންތެރިއަކާ މެޗަށް ފަހު އެފްއޭއެމްގެ ޓީމުން ވަނީ ވާހަކަދައްކައިފަ އެވެ. އެއީ އާއިޝަތު ދިފްލާ އާއި އާމިނަތު ނީމާގެ އިތުރުން ގޯލްކީޕަރު މަރްޔަމް ލީޝާ އަދި އާއިޝަތު ޝަހާ އެވެ.

ޑުންގާ ވިދާޅުވީ އޭދަފުށީ ޓީމުގެ ފަރާތުން ފެނުނު ކުޅުމާ މެދު އޭނާ ހައިރާންވި ކަމަށާއި ބޮޑު އަންހެން ފުޓްބޯޅަ އާއްމުކޮށް ނުކުޅޭ ތަނަކުން ގައުމީ ސްކޮޑަށް އަރާ ފެންވަރުގެ ހަތަރު ކުޅުންތެރިއަކު މިހާރު ޔަގީންވެފައިވާކަމަށެވެ.

އިއްޔެ ހަވީރު ގައުމީ އަންހެން ފުޓްބޯޅަ ޓީމާ އޭދަފުށިން ހޮވާލެވުނު ޓީމަކާ ދެމެދު ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން. އޭދަފުށިން ނެރުނު ޓީމުގެ ހަތަރު ކުޅުންތެރިއަކަށް ގައުމީ ޓީމުން ޓްރަޔަލެއް ދޭއްގޮތަށް ވަނީ ނިންމާފައި. – ފޮޓޯ: އިބްރާހީމް ނަޒީހް

“ތެދުތެދަށް ދަންނަވަންޏާމު އަޅުގަނޑަށް ވަރަށް ސަޕްރައިޒިން. މިތަނުގަ އަންހެން ކުދިންގެ ބޮޑު ފުޓްބޯޅައަކީ ނެތް އެއްޗެއް. ގާތްގަނޑަކަށް ހަތެއް ނޫނީ 10 ވަރަކަށް ދުވަހު ބޮޑު ދަނޑަށް އަރާ އެ މަސައްކަތްކުރީ. އާ ކުދިންތަކެއް ކުރި މަސައްކަތަށް އަޅުގަނޑު ހަމަ ހައިރާންވެއްޖެ. ވަރަށް މަސައްކަތްކޮށްފި ވަރަށް ރަނގަޅު ޕާފޯމަންސެއް ދައްކައިފި” ކުޅުންތެރިންގެ ހިތްވަރު ފާހަގަކުރަމުން ޑުންގާ ބުންޏެވެ.

ގައުމީ އަންހެން ޓީމަށް ރަސްމީކޮށް ކޯޗެއް ހަމަޖެހެންދެން އެޓީމަށް އިރުޝާދުދޭނީ ޑުންގާ އެވެ. ޑުންގާ ވިދާޅުވީ އޭދަފުށިން ފާހަގަކުރެވުނު ކުޅުންތެރިން މާލެ ގެންދިއުމުގެ މަސައްކަތް ކުރާނެ ކަމަށާއި، އެކަމަކު އެންމެ ފުރަތަމަ ބޭނުންވާނީ އެކުދިންގެ ބެލެނިވެރިންގެ ރުހުން ކަމަށެވެ. ކޮންމެ ކުޅުންތެރިއަކަށް ވެސް އެންމެ ފުރަތަމަ އެފްއޭއެމުން ދޭނީ ޓްރަޔަލް ފުރުސަތެކެވެ.

“މި ކުދިންނަކަށް ވެސް އަޅުގަނޑުމެންނަކަށް ނުކެރޭނެ ކަނޑައެޅިގެން ޖާގަ ކަށަވަރުވެއްޖޭ ދަންނަވާކަށް. އަޅުގަނޑުމެން މި ދެނީ ޓްރަޔަލް އެއް. ސްކޮޑް ތެރޭގައި ވޯކް ކޮށްލަން. އެހެންވީމަ އެ ސްކޮޑުގައި ވޯކްކޮށްފަ އެ ސްކޮޑުން އެކުދިންގެ މަސައްކަތުން ހޯދަންވީ ޖާގަ. ހޯދީމަ ދެން އެ ޖާގަ ކަށަވަރުވަނީ” ޑުންގާ ވިދާޅުވި އެވެ.

ޑުންގާ ވިދާޅުވީ އެ ހަތަރު ކުޅުންތެރިން މާލެ ގެންދިއުމަކީ ބޮޑު ޕްރޮސަސްއެއް ކަމަށާއި، އެއީ ވަގުތުން ކަނޑައެޅޭނެ ކަމެއް ނޫން ކަމަށެވެ. އެންމެ މުހިއްމީ ހަމައެކަނި ފުޓްބޯޅަ ކުޅުވުމުގެ ބަދަލުގައި ކުދިންނަށް ސްކޮޑުން ފުރުސަތު ދިނުމަށް ފަހު ރަނގަޅު އިތުބާރެއް އުފެއްދުން ކަމަށް ޑުންގާ ވިދާޅުވި އެވެ.

އިއްޔެ ހަވީރު ގައުމީ އަންހެން ފުޓްބޯޅަ ޓީމާ އޭދަފުށިން ހޮވާލެވުނު ޓީމަކާ ދެމެދު ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން. އޭދަފުށިން ނެރުނު ޓީމުގެ ހަތަރު ކުޅުންތެރިއަކަށް ގައުމީ ޓީމުން ޓްރަޔަލެއް ދޭއްގޮތަށް ވަނީ ނިންމާފައި. – ފޮޓޯ: އިބްރާހީމް ނަޒީހް

“އަޅުގަނޑުމެން ބޭނުމެއް ނޫން ގެންގޮސްފަ އެއީ ހަމައެކަނި ފުޓްބޯޅަ ކުޅުން ކަމަކަށް ހަދާކަށް. އެކުއްޖާ ޕްރޮޓެކްޓް ކުރުން އެއީ އަޅުގަނޑުމެންގެ އެންމެ ބޮޑު ޒިންމާ. އެކުއްޖާގެ ޕޭރަންޓުންނަށް ކޮންމެވެސް ކަހަލަ ޓްރަސްޓެއް އުފައްދަން ޖެހޭ. ކުޅުމަށް ވުރެ އަޅުގަނޑުމެންނަށް މުހިއްމީ އެކުދިންގެ މުސްތަގްބަލް. އެކުދިން ރަނގަޅަށް ބެލެހެއްޓޭނެ ގޮތެއް ނެތީޔާ ކުޅުން އެއީ މުހިއްމު އެއްޗަކަށް ނުވާނެ އަޅުގަނޑުމެންނަށް” ގައުމީ ޓީމާ އެކު އޭދަފުއްޓަށް ޒިޔާރަތްކުރި ޑުންގާ ވިދާޅުވި އެވެ.

އެފްއޭއެމުން މިހާރު އަންނަނީ ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތުދީގެން އެ ކުޅުންތެރިން ތަރައްގީ ކުރުމަށެވެ. އިއްޔެ އޭދަފުއްޓާ ދެކޮޅަށް ކުޅުނު ގައުމީ ޓީމުގައި ވެސް ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމެނުނެވެ. ޑުންގާ ވިދާޅުވީ އޭދަފުށިން ފާހަގަކުރެވުނު ކުދިން ހުނަރު އެބަހުރި ކަމަށާއި އެކުދިންނަށް ދެން ބޭނުންވަނީ އެހީ ކަމަށެވެ.

“ވަރަށް ހުނަރުވެރި ކުދިންތަކެއް އެބަތިބި. އެކުދިންނަށް ބޭނުންވަނީ ކޯޗެއްގެ އެހީ. ފަހަތުން އެހީވެދޭނެ ބަޔަކު ބޭނުންވަނީ. އަޅުގަނޑުމެން ކައުންސިލާ ވެސް މީޓްކޮށް އެވާހަކަ ދައްކައިފިން” ރާއްޖޭގެ ފުޓްބޯޅައިގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ޑުންގާ ވިދާޅުވި އެވެ.

ގައުމީ އަންހެން ފުޓްބޯޅަ ޓީމު މިހާރު ތައްޔާރުވަމުން އަންނަނީ އޭއެފްސީ ވިމެންސް އޭޝިއަން ކަޕްގެ ކޮލިފައިން އަށެވެ. ސެޕްޓެމްބަރު އެ މެޗުތައް އޮންނާނީ ތަޖިކިސްތާނުގަ އެވެ. ރާއްޖެ އާއި ތަޖިކިސްތާނުގެ އިތުރުން އެ ގްރޫޕުގައި ހިމެނެނީ އަފްގާނިސްތާނާއި ވިއެޓްނާމް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.