ދެވަނަ ކުއާޓަރުގައި ބީއެމްއެލްއަށް 298 މިލިއަންގެ ފައިދާއެއް

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް 298.9 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ އެވެ.

ބީއެމްއެލްގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި ދެވަނަ ކުއާޓަރުގައި ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި ބޭންކަށް 298.9 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެއީ 2020 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު 106.2 މިލިއަން ރުފިޔާގެ ސާފު ފައިދާއާ އަޅާބަލާއިރު 181 ޕަސެންޓު އިތުރު އަދަދެކެވެ.

ދެވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ބޭންކަށް 496.4 މިލިއަން ލިބިފައިވެ އެވެ. އެއީ 2020 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 38 ޕަސެންޓު އިތުރު އަދަދެކެވެ.

މީގެ އިތުރުން މިއަހަރުގެ ދެވަނަ ކުއާޓަރުގެ ޖުމުލަ އާމްދަނީވެސް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 42 ޕަސެންޓު ވަނީ އިތުރުވެފަ އެވެ. މިއަހަރުގެ ދެވަނަ ކުއާޓަރުގައި ބޭންކަށް ލިބުނީ 785 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ. އަދި މިދިޔަ އަހަރުގެ އެ މުއްދަތުގައި ޖުމުލަ އާމްދަނީގެ ގޮތުގައި ލިބުނީ 551 މިލިއަން ރުފިޔާ އެވެ.

އެ ނަތީޖާ ހާސިލް ކުރެވުނީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ލިބުނު ކުރިއެރުމާ ގުޅިގެން ކަމަށް އެ ބޭންކުން ބުންޏެވެ. ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށް މަތީގައި ހިފެހެއްޓިފައި ކަމަށް އެ ބޭންކުން ބުންޏެވެ.

20 އަތޮޅެއްގައި ބީއެމްއެލްގެ 35 ބްރާންޗް، 73 ސެލްފްސާވިސް ބޭންކިން ސެންޓަރު، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓް، އަދި 134 އޭޓީއެމް ހުރެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.