އޭދަފުށީ ކައުންސިލްގެ ކްލަބް، ކްލަބް އޭދަފުށީގެ ފަރާތުން އުމުރުން 6 އަހަރާއި 12 އަހަރުގެ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ގްރާސްރޫޓް ތަމްރީނުތައް ރަސްމީކޮށް ފެށުމުގެ ގޮތުން އޯޕަން ޑޭ އިއްޔެ ބާއްވައިފި އެވެ.
މި ހަރަކާތް ކްލަބް އޭދަފުށިން ކުރިއަށް ގެންދިޔައީ ދެ ޖިންސުގެ ކުދިންނަށް ފުރުސަތު ހުޅުވާލައިގެންނެވެ. ރަސްމީކޮށް މި ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިޔާތުގައި ބައިވެރިވެވަޑައިގަތުމަށް ސްޕޯޓްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ އަދި ކުރީގެ މަޝްހޫރު ގޯލްކީޕަރު މައުރޫފް އަހުމަދު (މާއްޓޭ) އާއި ކުރީގެ މަޝްހޫރު ޑިފެންޑަރު އިސްމާއީލް އަނިލް ވަނީ އޭދަފުއްޓަށް ވަޑައިގެންފަ އެވެ. އަދި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ ދެބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ކްލަބް އޭދަފުށިން ބުނީ އުއްމީދުކުރި ގޮތަށް ގިނަ އަދަދެއްގެ ކުދިންތަކެއް އިއްޔެގެ އިވެންޓުގައި ބައިވެރިވެރިވެފައި ވާކަމަށާއި، އިތުރު ކުދިން ބައިވެރިވާން ބޭނުންވެގެން މިހާރު އެދެމުން އަންނަ ކަމަށެވެ. ގްރާސްރޫޓް ކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަމްރީނުތައް ސިލްސިލާ ގޮތެއްގައި ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެންނެވެ. އިއްޔެ އޯޕަން ޑޭ ބޭއްވިއިރު 6 ކޯޗުން ވަނީ ބައިވެރިވެފަ އެވެ.
“މި ޕްރޮގްރާމަށް އެފްއޭއެމްގެ ސްޕޯޓް ވެސް ލިބޭ. އަދި ސްޕޯޓްސް ކޯޕަރޭޝަނުން ވެސް މި މަސައްކަތް ފާހަގަކޮށް ވަރަށް ހިތްވަރު ދިން. އުއްމީދަކީ ވަރަށް ފުރިހަމައަށް މި ޕްރޮގްރާމް ކުދިންނަށް ކުރިއަށް ގެންދިއުން” ކްލަބް އޭދަފުށީގެ އޮފިޝަލަކު ވިދާޅުވި އެވެ.
ކުޑަކުދިންނަށް ފުޓްބޯޅައިގެ ތަމްރީނުތައް ކުރިއަށް ގެންދާއިރު ކްލަބް އޭދަފުށިން މިހާރު ވަނީ ޓްރެއިނިންތަކަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު އެ ކްލަބަށް ގެނެސްފަ އެވެ.