މިިރޭގެ މެޗުގައި އޭދަފުށީގެ ތިން ކުޅުންތެރިން

ހައިޝަމް ހަސަން, އަލީ ފާސިރު (ސެންޓޭ) އަދި ހަމްޒާ މުހައްމަދު

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނޭޕާލާ ދެކޮޅަށް ނުކުންނައިރު އޭދަފުށީގެ ތިން ކުޅުންތެރިން ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނެ އެވެ.

ގައުމީ ޓީމުގައި ހިމެނޭ އޭދަފުށީގެ ތިން ކުޅުންތެރިންނަކީ އަލީ ފާސިރު (ސެންޓޭ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އަދި ހައިޝަމް ހަސަން އެވެ. މި ތިން ކުޅުންތެރިންނަކީ ވެސް ފުރަތަމަ ޑިވިޝަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިންނެވެ. ސެންޓޭ އާއި ހަމްޕު އަކީ 2018 ވަނަ އަހަރު ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ހިމެނުނު މުހިއްމު ދެ ކުޅުންތެރިންނެވެ. އެ މުބާރާތުގެ ފައިނަލުގައި އިންޑިއާ ކޮޅަށް ދެ ވަނަ ގޯލު ސެންޓޭ ޖެހީ ހަމްޕު ދިން ހިތްގައިމު ޕާހަކުންނެވެ.

ސެންޓޭ އަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭ ކުޅަދާނަ ފޯވާޑެވެ. ކްލަބް ވެލެންސިއާ އަށް މިދިޔަ ސީޒަނުގައި ކުޅުނު ސެންޓޭ ވަނީ މީގެ ކުރިން ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ރަން ބޫޓު ދެ ފަހަރު ހޯދައިފަ އެވެ. މިއީ އޭދަފުށީގެ ފުޓްބޯޅައިގެ ތާރީހުގައި އެހެން އެއްވެސް ކުޅުންތެރިއަކަށް ލިބިފައިވާ ކާމިޔާބީއެއް ނޫނެވެ. އަނެއްކޮޅުން ސެންޓޭ ހިމެނެނީ ގައުމީ ޓީމުގައި ގިނަ ދުވަސްތަކެއް ވަންދެން މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއަކަށެވެ. މިފަހަރުގެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން ކުޅުނު އެކުވެރިކަމުގެ ދެ މެޗުގައި ވެސް ސެންޓޭ ލަނޑު ޖެހި އެވެ.

މާޒިޔާގެ ހަމްޕު އަކީ މެދުތެރެ އާއި ކުރިއަށް ވެސް ކުޅޭ އާދަޔާހިލާފު މޮޅު ހުނަރެއް ލިބިފައިވާ ކުޅުންތެރިއެކެވެ. ގިނަ ބަޔަކު ހަމްޕު ސިފަކުރަނީ މިހާރު ރާއްޖޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގަ އެވެ. ގައުމީ ޓީމުގައި ވެސް ހަމްޕު މޮޅު ކުޅުމެއް ދައްކަމުން އަންނައިރު ރާއްޖޭން ތަށި ދިފާއުކުރަން ނުކުންނައިރު ހަމްޕުގެ ދައުރު ބޮޑުވާނެ އެވެ. ސްކޫލް ދައުރުއްސުރެ ތަފާތު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވުނު ހަމްޕު ފުޓްބޯޅަ ކެރިއަރު ފެށީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުންނެވެ.

ހައިޝަމް އަކީ އޭދަފުށީގެ ޓީމުގައި މަދު މެޗުތަކެއް ކުޅެ ފުރަތަމަ ޑިވިޝަނުގެ ކްލަބް އީގަލްސްއާ ގުޅުނު ކުޅުންތެރިއެކެވެ. އަދިވެސް އީގަލްސްގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރިއިރު ހައިޝަމް ގައުމީ ޓީމުން ފުރުސަތު ހޯދީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ. މިހާރު ހައިޝަމް އަންނަނީ ގައުމީ ޓީމުގެ ފުރަތަމަ އެގާރައިން ވެސް ފުރުސަތު ހޯދަމުންނެވެ.

ސެންޓޭ އާއި ހަމްޕު އަދި ހައިޝަމް ހިމެނޭހެން އޭދަފުއްޓާއި އަތޮޅުގެ ރައްޔިތުން އެދެނީ ގައުމީ ޓީމަށް ކާމިޔާބެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.