އޭޝިއާގެ 23 އަހަރުން ދަށުގެ މުބާރާތަށް ކޮލިފައިވުމަށް ކުޅޭ ކޮލިފައިން މެޗުތަކުގައި ވާދަކުރާ ރާއްޖޭގެ ޒުވާން ގައުމީ ޓީމުގެ ކެޕްޓަނަކަށް ސީނިއާ ގައުމީ ޓީމުގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ހައިޝަމް ހަސަން (ބިޑި) ހަމަޖައްސައިފި އެވެ.
އޭދަފުއްޓަށް އުފަން އުމުރުން 22 އަހަރުގެ ހައިޝަމަކީ މި ފަހަރުގެ ގައުމީ ޓީމުގެ އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. އުމުރުން 22 އަހަރުގެ އެ ކުޅުންތެރިޔާގެ ޒުވާންކަމާ އެއް ވަރަކަށް ކުޅުމުގެ ތެރެއިން އޭނާގެ މޮޅުކަން ދަނޑުމަތީގައި އަންނަނީ ދައްކަމުންނެވެ.
ތޭވީސް އަހަރުން ދަށުގެ ގައުމީ ޓީމުގެ ވައިސް ކެޕްޓަނުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ކުރިން ސީނިއާ ގައުމީ ޓީމަށް ކުޅުނު އަބްދުﷲ ޔާމީން (ޔާން) އާއި މުހައްމަދު ޖައިލަމް (އޮގީ) އެވެ.
މީގެ ހަތަރު އަހަރު ކުރިން ޒުވާން ގައުމީ ޓީމުން ހައިޝަމް އަންނަނީ ޖާގަ ހޯދަމުންނެވެ.
ހައިޝަމް އެންމެ ފުރަތަމަ ފާހަގަކުރެވެން ފެށީ 2017 ވަނަ އަހަރު އޮތް މިނިވަން ޗެމްޕިއަންޝިޕްގައި އޭދަފުށީ ޓީމުންނެވެ. އޭގެފަހުން ހައިޝަމް ވަނީ އެފްއޭއެމްގެ “ޓުވާޑްސް ފިއުޗާ” ޕްރޮގްރާމްގެ ދަށުން އެކުލަވާލި 19 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމެނިގެން އައްޑޫގައި ކުޅުނު މެޗެއްގައި ބައިވެރިވެފަ އެވެ. ޒުވާން އުމުރުގައި ގައުމީ ޓީމުގައި ހިމެނުމަށްފަހު ހައިޝަމް ވަނީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިންޑޮނީޝިއާ ގައި އޮތް އޭއެފްސީ 19 އަހަރުން ދަށުގެ ކޮލިފައިންގައި ގައުމީ ޓީމުގައި ހިމެނިގެން ކުޅެފަ އެވެ. ހަމަ އެ އަހަރު ކްލަބް އީގަލްސްގެ ޒުވާން ޓީމާއެކު ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށް ހައިޝަމް ވަނީ މިދިޔަ ސީޒަނުގައި އީގަލްސްގެ ސީނިއަރ ޓީމުގައި ހިމެނި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ހައިޝަމްއަށް ސީނިއަރ ގައުމީ ޓީމުން ފުރަތަމަ ފަހަރަށް ޖާގަ ލިބުނީ 2019 ވަނަ އަހަރުގެ ޖުލައި މަހު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައެވެ. ސީނިއާ ޓީމުން ފުރަތަމަ ފަހަރަށް ހައިޝަމް އަށް ފުރުސަތު ލިބުމަށް މަގުފަހިވީ އެ އަހަރުގެ މާޗް މަހު ސައުދީ އަރަބިއާގައި އޮތް އޭއެފްސީ 23 އަހަރުން ދަށުގެ ކޮލިފައިން މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ތިން މެޗުގައި ވެސް ފުރަތަމަ އެގާރައިގައި ހިމެނިގެން ދެއްކި ކުޅުމާއެކުއެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް އެކުލަވާލި ގައުމީ ޓީމުގައި ހައިޝަމް ހިމެނުނު ފަހުން އޭނާ ވެފައިވަނީ އޭރުގެ ކޯޗް ކްރޮއޭޝިއާގެ ޕީޓަރ ސެގާޓް އެންމެ އިތުބާރުކުރި އެއް ޑިފެންޑަރަށެވެ. ނަތީޖާ އެއްގެ ގޮތުން ވޯލްޑް ކަޕާއި އޭޝިއަން ކަޕް ކޮލިފިކޭޝަންގައި އެ އަހަރު އަހަރު ރާއްޖެ ކުޅުނު ގިނަ މެޗްތަކުގެ ފުރަތަމަ އެގާރައިން ހައިޝަމްއަށް ފުރުސަތު ލިބިފައިވެއެވެ.