ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު ޢަބްދުލްޙަމީދު އަށް

ސަރުކާރުން މި އަހަރު އަލަށް ދޭން ފެށި “ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު ބ. ކުޑަރިކިލު، ހަޒާރުމާގޭ ޢަބްދުލްޙަމީދު އާދަމަށް ލިބިވަޑައިގެންފި އެވެ.

އޭނާއަށް އެ އިނާމު ހަވާލުކޮށްދެއްވީ ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް އެ އިނާމު ހަވާލުކޮށްދެއްވުމަށް ޖުމްހޫރީ މައިދާނުގައި ރޭ ބޭއްވި ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

ޢަބްދުލްޙަމީދު އާދަމް، ދިވެހި ސަރުކާރުގެ ޚިދުމަތް ފެށްޓެވީ، އަތޮޅު ޕްރައިމަރީ ޓީޗަރެއްގެ މަގާމުގައި، އޭދަފުށީގައި ހުންނަ ބ.އަތޮޅު ކޮމިއުނިޓީ ސްކޫލުގައި 17 ޖަނަވަރީ 1978 ގައެވެ. ޢަބްދުލްޙަމީދު ވަނީ ޚިދުމަތުގައި 37 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވައިފައެވެ. ޚިދުމަތުން ރިޓަޔަރ ކުރެއްވުމާ ހަމައަށްވެސް ހުންނެވީ، ދަރިވަރުންނަށް އުނގަންނައިދެއްވުމުގައެވެ.

ޢަބްދުލްޙަމީދު އާދަމް، ޚިދުމަތުގައި ހޭދަކުރައްވައިފައިވާ ދިގު މުއްދަތުގެ ތެރޭގައި، އަތޮޅު ޕްރައިމަރީ ޓީޗަރުކަމާއި، ރާއްޖެތެރޭގެ ޕްރައިމަރީ ޓީޗަރުކަމާއި، އެސިސްޓެންޓް ސުޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަމާއި، ޑެޕިއުޓީ ޕްރިންސިޕަލްކަމާއި، ޑެޕިއުޓީ ޕްރިންސިޕަލް، އެޑްމިނިސްޓްރޭޝަންގެ މަގާމު އަދާކުރައްވައިފައި ވެއެވެ.

ޢަބްދުލްޙަމީދު އާދަމް ފާހަގަކުރެވިފައިވަނީ، އުނގަންނައިދިނުމުގެ ތަޖުރިބާކާރެއްގެ ގޮތުގައެވެ. ޚާއްޞަކޮށް ކުޑަރިކިލުގެ ތަޢުލީމީ ހާލަތަށް އައި ހުރިހާ ބަދަލެއްގެ މޭސްތިރިއެއްގެ ގޮތުގައެވެ. އަދި ކުޑަރިކިލު ސްކޫލްގެ ތަޢުލީމީ ފެންވަރު މަތިކުރެއްވުމުގައި އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު ޚިދުމަތް ކުރައްވައިފައިވާ ހަރުދަނާ މުރުޝިދެއްގެ ގޮތުގައެވެ.

ޢަބްދުލްޙަމީދު އާދަމް 22 ފެބުރުވަރީ 1982 ގައި، ކުޑަރިކިލު ސްކޫލުގެ ވަޒީފާއަށް ވަޑައިގެންނެވިއިރު އެއީ ކުޑަރިކިލު މަކްތަބެވެ. އެ މަކްތަބުގައި އޭރު ތިބި 140 ކުދީންނަށް ވަގުތީ މުދައްރިސަކާއެކު ޕްރައިމަރީ ތަޢުލީމާއި، މެދު މަދުރަސީ ތަޢުލީމު ދެއްވަން ފެށްޓެވިއެވެ. އަދި 1985ގައި، ކުޑަރިކިލު ސްކޫލުގައި، ޕްރީސްކޫލުގެ ތަޢުލީމު ދެއްވަން ފެށްޓެވިއެވެ. އޭގެ ފަހުން 2004 ވަނަ އަހަރު ބިދޭސީ 3 ޓީޗަރުންގެ އެހީއާއެކު ގްރޭޑް 8 އުފައްދަވައިގެން ކިޔަވައިދެއްވަން ފެށްޓެވިއެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ގްރޭޑް 10 ވެސް އުފައްދަވައި، އާބާދީ މަދު ރަށްރަށުގެ ތެރެއިން އެންމެ ފުރަތަމަ އޯލެވެލް އިމްތިޙާނު ހަދަންފެށި ސްކޫލަކަށް ކުޑަރިކިލު ސްކޫލް ހެއްދެވުމަށް ޢަބްދުލްޙަމީދު ކުރައްވައިފައިވަނީ، ބުރަ އަދި އިޚްލާޞްތެރި މަސައްކަތްތަކެކެވެ.

ތަޢުލީމު އުނގަންނައިދެއްވުމުގެ ކަންކަން ހަރުދަނާކުރައްވައި ތަރައްޤީކުރައްވަމުން ގެންދެވިއިރު ސްކޫލްގެ ޖާގައިގެ ދަތިކަން އިޙްސާސް ކުރެއްވުމުން، ބެލެނިވެރިންނާއި ސަރުކާރުގެ އެހީތެރިކަން ހޯއްދަވައިގެން 4 ކްލާސް ރޫމް އިތުރަށް ބިނާކުރެއްވުމުގައިވެސް ޢަބްދުލްޙަމީދު އާދަމް މުހިންމު ދައުރެއް އަދާކުރެއްވިއެވެ. މީގެއިތުރުން، ޤުރްއާން މުބާރާތްތަކަށް ދަރިވަރުން ތައްޔާރުކުރައްވައި، އެ މުބާރާތްތަކުގައި ދަރިވަރުން ބައިވެރިކުރެއްވުމަށްވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވިއެވެ. އަދި ވަޒީފާއިން ވަކިވެވަޑައިގަތުމާ ހަމައަށް ސްކޫލުގެ އިދާރީ ހުރިހާ ކަންތައްތަކެއްވެސް ބެލެހެއްޓެވީ، ޢަބްދުލްޙަމީދެވެ.

ޢަބްދުލްޙަމީދު އާދަމަކީ، ބ.އަތޮޅަށާއި، ޚާއްޞަކޮށް ކުޑަރިކިލުގެ ތަޢުލީމަށް ނުހަނު އަގުހުރި ޚިދުމަތްތަކެއް، އިޚްލާޞްތެރިކަމާއި، ތެދުވެރިކަމާއި، ވަފާތެރިކަމާއެކު ކުރައްވައިފައިވާ ބޭފުޅެކެވެ. ކުޑަރިކިލުގައި ތަޢުލީމު ފެތުރުއްވުމަށްޓަކައި ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ މަސައްކަތެއްވެސް، ކުރައްވައިފައިވާ ބޭފުޅެކެވެ. ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން މިންވަރަކުން އެވަގުތަކަށް ކުރެއްވެން އޮތް ކޮންމެ މަސައްކަތެއްމެ، ފަސްޖެހިވަޑައިގަތުމަކާ ނުލައި ކުރެއްވި ބޭފުޅެކެވެ.

ޢަބްދުލްޙަމީދު އާދަމްވަނީ، މާޅޮސްމަޑުލު ދެކުނުބުރީގައި ތަޢުލީމަށް ކުރައްވައިފައިވާ ޚިދުމަތުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލުން ދެއްވި [ރަންނާ އެވޯޑް 2018] ހާސިލު ކުރައްވައިފައެވެ.

ޢަބްދުލްޙަމީދު އާދަމަކީ، ދިވެހިބޭސްވެރިކަމުގެ ކޯސް ފުރިހަމަ ކުރައްވައި، ދިވެހިބޭސްކުރުމުގެ ހުއްދަ ހޯއްދަވައިގެން ފުޅާ ދާއިރާއެއްގައި ދިވެހިބޭސް ކުރައްވަމުން ގެންދަވާ ބޭފުޅެއްވެސް މެއެވެ.

ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު ދެނީ ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ބޭފުޅުންނަށެވެ. އެއީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހުލާސްތެރިކަމާ އެކު ކުރައްވައިފައިވާ ޚިދުމަތްތަކަށާއި އެ ބޭފުޅަކު ވަޒީފާ އަދާކުރި މުއައްސަސާގެ ކުރިއެރުމަށް ކޮށްފައިވާ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ. އެގޮތުން 98 ބޭފުޅަކަށް ރޭ މި އިނާމު ދީފައިވެ އެވެ.

މި އިނާމު ދިނުމުގެ ފުރަތަމަ ބުރު އޮތީ މިދިޔަ މަހު ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ. އެ ރޭ 117 ބޭފުޅަކަށް އިނާމު ދީފައިވެ އެވެ.

ދައުލަތުގެ ކޮންމެ މަގާމެއްގައި ވަޒީފާ އަދާކުރެއްވިޔަސް، ކަނޑައަޅައިފައިވާ ޝަރުތު ހަމަވާ ނަމަ މި އިނާމު ލިބެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.