ބ. ކުޑަރިކިލުގައި ޑޮކްޓަރަކު ނެތި ހަފުތާއަކަށް ވުރެ ގިނަ ދުވަސްވެފައި ވާތީ ރައްޔިތުން ނިކުމެ އިއްޔެ ސިއްހީ މަރުކަޒުގައި ތަޅު އަޅުވައި، ނުރުހުން ފާޅުކޮށްފައި ވާތީ، މިއަދު މާލެއިން އެ ރަށަށް ބ. އަތޮޅު ހޮސްޕިޓަލުން ވަގުތީ ޑޮކްޓަރެއް ފޮނުވައިފި އެވެ.
ބ. އަތޮޅު ހޮސްޕިޓަލުން ފޮނުވި ޑޮކްޓަރު އެރަށަށް އައީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. އެ ޑޮކްޓަރު އަންނަންދެން އެ ރަށުގެ ރައްޔިތުން ދިޔައީ މިއަދު ވެސް މުޒާހަރާ ކުރަމުންނެވެ.
ހެލްތު މިނިސްޓްރީން ބުނީ ކުޑަރިކިލަށް މިހާރު ޑޮކްޓަރަކު ހަމަަޖައްސައިފައިވާ ކަމަށާއި އެ ރަށަށް މިއަދު ފޮނުވަނީ ބ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރަމުން އައި ޑޮކްޓަރެއް ކަމަށެވެ.
އާބާދީގައި 700 މީހުން އުޅޭ ކުޑަރިކިލުގައި ޑޮކްޓަރެއް ނެތި 10 ވަރަކަށް ދުވަސް ވި އެވެ. މި ދުވަސްވަރު ރާއްޖޭގައި ފެތުރެމުންދާ ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ ވަރަށް ބޮޑަށް އިތުރުވެފައި ވާއިރު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ދެ މީހުން ވެސް އެބަތިއްބެވެ.
ސިއްހީ މަރުކަޒުގައި ޑޮކްޓަރަކު ނުހުންނާތީ ކުޑަރިކިލު މީހުން ޑޮކްޓަރަށް ދައްކަނީ އޮންލައިންކޮށް ބ. އަތޮޅު ހޮސްޕިޓަލާއި އުނގޫފާރު ހޮސްޕިޓަލަށެވެ.