އޭދަފުށީގެ ކޯޗަކަށް އާތީ ހަމަޖައްސައިފި

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އާތީ.– ފޮޓޯ: ނިޝާން އަލީ/ މިހާރު

ކްލަބް އޭދަފުށީގެ ކޯޗުކަމަށް ތަޖުރިބާކާރު ކޯޗު މުހައްމަދު އާތިފް (އާތީ) ހަމަޖައްސައިފި އެވެ.

އޭދަފުށީގެ ކޯޗުގެ ގޮތުގައި އާތީ ރަސްމީކޮށް ހަމަޖެއްސީ މިރޭ އޭދަފުށީ މަލްޓިޕާޕަސް ހޯލުގައި ބޭއްވި ހަފްލާއެއްގަ އެވެ.

ފުޓްބޯޅައިގެ ހުނަރުވެރިކަން އުފެއްދުމުގައި އެފަދަ ދެ ވަނަ އެއް ފަދަ އޭދަފުށްޓާ އާތީ މިރޭ ހަވާލުވުމާއެކު އޭނާގެ އިރުޝާދުގެ ދަށުން ކްލަބް އޭދަފުށިން އެކި މުބާރާތްތަކުގައި ވާދަކުރާނެ އެވެ. އޭގެ ތެރޭގައި ޒޯން ލީގާއި 2023/2024 ޕްރިމިއާ ލީގް ކޮލިފިކޭޝަން ހިމެނެ އެވެ.

ހަތަރު ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދާ ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން ފަށާނީ އަންނަ މާޗް މަހުގެ އެއް ވަނަ ދުވަހު އެވެ. އޭދަފުށި ނިސްބަތްވާ ޒޯނުގައި ހިމެނެނީ ބ އަތޮޅުގެ އިތުރުން ޅ، ކ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅެވެ. އެންމެ ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިވާ އޯޕަން ރައުންޑުގައި ބައިވެރިވުމުގެ ފުރުސަތު މުޅި ރާއްޖެ އަށް އެފްއޭއެމުން ހުޅުވާލީ މި މަހުގެ 10 ވަނަ ދުވަހު އެވެ.

ކްލަބް އޭދަފުށީގެ ކޯޗުގެ ގޮތުގައި އާތީ ހަމަޖެއްސީ ކޮލިފައިންގައި ވާދަކޮށް އޭދަފުށި ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިކޮށްދިނުމުގެ ޓާގެޓާއެކު އެވެ. އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަނުގެ އޭ ލައިސަން ކޯޗިން ފުރިހަމަކޮށްފައިވާ އާތީއަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އެއް ކޯޗެވެ.

ކޯޗިންގައި ކާމިޔާބު ދިގު މާޒީއެއް

ފުޓްބޯޅައިގައި ކުޅުންތެރިއެއްގެ ގޮތުގައި އާތީ ފެނުނީ 1984 ވަނަ އަހަރުގެ ދެ ވަނަ ޑިވިޝަނުގައި ޔަންގް ލެގޫންސް އިންނެވެ. އެއް އަހަރު ދެ ވަނަ ޑިވިޝަނުގައި ކުޅުމަށްފަހު 1986 އިން 1991 އަށް އާތީ ވަނީ ފުރަތަމަ ޑިވިޝަނުގައި އޭރު ވާދަކުރި ކްލަބް ލެގޫންސް ޓީމަށް ކުޅެފަ އެވެ. ފޯވާޑެއްގެ ގޮތުގައި ފެނުނު އާތީ ވަނީ އޭގެފަހުން ނިއު ލެގޫންސްގެ ނަމުގައި ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ޓީމަށް 1997 އަދި 1998 ވަނަ އަހަރު ކުޅެފަ އެވެ.

ގައުމީ އަންހެން ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން ކޯޗު އާތީ: — ފޮޓޯ: މިހާރު ފައިލް ފޮޓޯ

ކުޅުން ހުއްޓާލުމަށްފަހު އާތީ ކޯޗިންގައި ކުރި ފުރަތަމަ ތަޖުރިބާއަކީ 1998 ވަނަ އަހަރު 14 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމެވެ. އޭގެފަހުން 15 އަހަރުން ދަށާއި 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުކަން އާތީ ކުރި އެވެ. ސީނިއާ ޓީމަކުން އާތީ އެންމެ ފުރަތަމަ ފެނުނީ 2004 ވަނަ އަހަރު އޭއެފްއެފް ވިމެންސް ޗެމްޕިއަންޝިޕްގައި ވާދަކުރި ގައުމީ އަންހެން ޓީމުގެ ހެޑް ކޯޗުގެ ގޮތުގަ އެވެ. އޭގެފަހުން 2009 ވަނަ އަހަރާ ހަމައަށް އާތީ ވަނީ އަންހެން ޓީމުގެ ހެޑް ކޯޗުކަން ކޮށްފަ އެވެ.

2010 ވަނަ އަހަރު 16 އަހަރުން ދަށުގެ ފިރިހެން ގައުމީ ޓީމުގެ ކޯޗުކަން ކުރުމަށްފަހު އެ އަހަރު އާތީ ވަނީ ފުރަތަމަ ޑިވިޝަނުގައި ވާދަކުރި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އާ ހަވާލުވެފަ އެވެ. ކޯޗިންގައި އާތީ ދެން ކުރި ތަޖުރިބާއަކީ 2012 ވަނަ އަހަރު ގައުމީ ފިރިހެން ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ކުރުމެވެ. އެ އަހަރު އާތީ ވަނީ ސީޝެލްސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި އޭއެފްސީ ޗެލެންޖް ކަޕްގެ ކޮލިފިކޭޝަނުގައި ރާއްޖޭން ވާދަކުރިއިރު ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. 2013 ވަނަ އަހަރު 19 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމުގެ ކޯޗުކަން ކުރުމަށްފަހު 2014 ވަނަ އަހަރު އާތީ ވަނީ ވިކްޓްރީ ސްޕޯޓްސް ކްލަބާ ހަވާލުވެފަ އެވެ. ވިކްޓްރީ އަށް ފަހު 2016 ވަނަ އަހަރު އާތީ އިރުޝާދުދިނީ ޔުނައިޓެޑް ވިކްޓްރީއަށެވެ. އެޓީމުގައި ކާމިޔާބު މަސައްކަތްތަކެއް ކުރުމަށްފަހު 2017 ވަނަ އަހަރު އާތީ ވަނީ އަންހެން ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުކަމާ އަލުން ހަވާލުވެފަ އެވެ. ދެ އަހަރު ދުވަހު އަންހެން ޓީމަށް ކޯޗުކަން ކޮށްދިނުމަށްފަހު އާތީ ފުރަތަމަ ޑިވިޝަނަށް އެނބުރި އައީ 2019 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗުގެ ގޮތުގަ އެވެ. އެޓީމުގެ ކޯޗުކަން ދޫކޮށްލުމަށް ފަހު ހަމަ އެ އަހަރު އާތީ ވަނީ ދެ ވަނަ ޑިވިޝަނުގައި ވާދަކުރި އެމްއެންޑީއެފްގެ ޓީމަށް އިރުޝާދުދީފަ އެވެ.

އާތީ މިދިޔަ ސީޒަނުގައި ފެނުނީ ކްލަބް ވެލެންސިއާ އިންނެވެ. އެކަމަކު މި ސީޒަން ފެށުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އާތީ ވަނީ ވެލެންސިއާގެ ކޯޗުކަން ދޫކޮށްލައިފަ އެވެ. އޭނާ އޭދަފުށީގެ ޓީމާ ހަވާލުމިވީ ފުޓްބޯޅައާ ދުރުގައި ދުވަސްކޮޅަކު ހުރުމަށް ފަހު އެވެ.

ކޯޗިންގައި އާތީ ހޯދި އެންމެ ބޮޑު އެއް ކާމިޔާބީއަކީ 2016 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ޔުނައިޓެޑް ވިކްޓްރީ އަށް ފުރުސަތު ހޯދައިދިނުމެވެ. ހަމަ އެ ސީޒަނުގެ އެފްއޭ ކަޕްގައި އާތީ ވަނީ އޭރު އެންމެ ވަރުގަދަކޮށް އޮތް މާޒިޔާ ކަޓުވާލުމަށްފަހު ޔުނައިޓެޑް ވިކްޓްރީ ސެމީ ފައިނަލަށް ގެންގޮސްދީފަ އެވެ. 2019 ވަނަ އަހަރު ޓީސީގެ ކޯޗުކަމުގައި އެފްއޭ ޗެރިޓީ ޝީލްޑް ކާމިޔާބު ކުރިއިރު މިދިޔަ ސީޒަނުގައި އާތީގެ ކޯޗުކަމުގައި ވެލެންސިއާ ވަނީ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ހޯދައިފަ އެވެ.

އަންހެން ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ ގޮތުގައި އާތީ ގިނަ އަހަރުތަކެއް ހޯދިއިރު އެޓީމަށް އެންމެ ބޮޑު ކުރިއެރުން ގެނެސްދިން އެއް ކޯޗަކީ އާތީ އެވެ. އާތީ ވަނީ ސިންގަޕޫރުގައި އޮތް މުބާރާތެއްގައި ގައުމީ އަންހެން ޓީމަށް ތިން ވަނަ ހޯދައިދީފަ އެވެ.

އާ ފުޓްބޯޅަ ފޯމެޓާ އެކު 2023/2024 ވަނަ ސީޒަނުން ފެށިގެން ދިވެހި ޕްރިމިއާ ލީގު އޮންނާނީ މުޅި ރާއްޖެ ޝާމިލްވާހެންނެވެ. ލީގުގައި 12 ޓީމަކުން ވާދަކުރާއިރު ހަތަރު ޓީމު ނިސްބަތްވާނީ ހަތަރު ޒޯނަށެވެ. އަނެއް އަށް ޓީމަކީ މިހާރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ އަށް ޓީމެވެ.

ކްލަބް އޭދަފުށީގެ ކޯޗަކަށް އާތީ ހަމަޖެއްސިއިރު މީގެ ކުރިން އިހުސާން އަބްދުލްގަނީ (ސާންތީ) ވެސް ވަނީ އެ ކްލަބުގެ ކޯޗުކަން ކޮށްފަ އެވެ. އެކަމަކު ކޮވިޑާ ގުޅިގެން ޕްރެކްޓިސްތައް މެދުކަނޑާލަން ޖެހުމުން ސާންތީ ވަނީ ކްލަބް އޭދަފުށި ދޫކޮށް ޔުނައިޓެޑް ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.