ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އޭދަފުށިން ބައިވެރިވެއްޖެ

މިރޭ ފަށާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އޭދަފުށިން ބައިވެރިވެއްޖެ އެވެ.

މިއަހަރު ވެސް އޭދަފުށި މި މުބާރާތުގައި ތަމްސީލުކުރަނީ ޔުނައިޓެޑް ވީ އިންނެވެ. ޔުނައިޓެޑް ވީ އިން ވަނީ 2018 ވަނަ އަހަރާއި 2019 ވަނަ އަހަރުގެ މުބާރާތުގައި ވެސް އޭދަފުށީގެ ނަމުގައި ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ވާދަކޮށްފަ އެވެ. މީގެ އިތުރުން 2014 ވަނަ އަހަރު މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ހާފް އައިލެންޑް ކަޕް ފުޓްސަލް މުބާރާތުގައި ވެސް ޔުނައިޓެޑް ވީ އިން ވަނީ އޭދަފުށީގެ ނަމުގައި ވާދަކޮށްފަ އެވެ.

އޭދަފުށީގެ އިތުރުން ބ. އަތޮޅުން މުބާރާތުގައި ވާދަކުރަނީ ތުޅާދޫ އަދި ހިތާދޫ އެވެ. 2019 ވަނަ އަހަރުގެ މުބާރާތުގައި ވެސް ބ އަތޮޅުން ވާދަކުރީ މި ތިން ރަށެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އޭދަފުށިން އެންމެ ފުރަތަމަ ބައިވެރިވި 2018 ވަނަ އަހަރު ވަނީ ސެމީ ފައިނަލުގައި ވާދަކޮށްފަ އެވެ. އެފަހަރު ސެމީގައި އޭދަފުށި ބަލިވީ ޕެނަލްޓީ ޖަހައިގެން މާލެ މާފަންނުއާ ވާދަކޮށެވެ. 2019 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލަށް ދަތުރުކުރިއިރު ފައިނަލުގައި ބަލިވީ ތިމަރަފުށި އަތުންނެވެ. އެކަމަކު 2014 ވަނަ އަހަރު މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވި ހާފް އައިލެންޑް ފުޓްސަލް ކަޕް އޭދަފުށި ވަނީ ކާމިޔާބުކޮށްފަ އެވެ. އެފަހަރުގެ ފައިނަލުގައި އޭދަފުށި މޮޅުވީ ހއ. ނައިވާދޫއާ ވާދަކޮށެވެ.

ޔުނައިޓެޑް ވީ އިން ބުނީ ފުޓްސަލް ޓީމު އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި، މިއަހަރުގެ މުބާރާތުގައި ވެސް އޭދަފުށީގެ ވަރުގަދަ ޓީމެއް ފެނިގެންދާނެ ކަމަށެވެ. މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޔުނައިޓެޑް ވީ އިން ރަސްމީކޮށް ފަރިތަކުރުންތައް ފަށާފައިވަނީ ރޭގަ އެވެ.

ފަރިތަކުރުންތަކަށް ހާއްސަ ޖާޒީއެއް ތައްޔާރުކޮށްފައިވާއިރު، ޕްރެކްޓިސް ޖާޒީ އާއި އޮފިޝަލް ޖާޒީ ޔުނައިޓެޑް ވީގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ސަޕޯޓަރުންނަށް ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.

ފުޓްސަލް ޓީމު ސްޕޮންސަރުންނަށް މިހާރު ހުޅުވާލާފައިވާއިރު، ސްޕޮންސަރ ކުރަން ބޭނުންވާ ފަރާތްތަކުން 7959612 ނަންބަރަށް ގުޅުމަށް ޔުނައިޓެޑް ވީ އިން ވަނީ އެދިފަ އެވެ.


މުބާރާތުގައި އޭދަފުށީ ވާދަކުރާ ފުރަތަމަ މެޗުގައި މާޗް 04 ވަނަ ދުވަހުގެ ރޭ ނުކުންނާނީ ތުޅާދޫއާ ދެކޮޅަށެވެ. އަތޮޅު ބުރުގެ ދެ ވަނަ މެޗުގައި ހިތާދޫ އާއި އޭދަފުށި މެޗު ކުޅޭނީ މާޗް 10 ވަނަ ދުވަހު އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ބ. އަތޮޅު މެޗުތައް
04 މާޗް 2022 – 8:15 އޭދަފުށި – ތުޅާދޫ
07 މާޗް 2022 – 8:15 ތުޅާދޫ – ހިތާދޫ
10 މާޗް 2022 – 10:15 ހިތާދޫ – އޭދަފުށި

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.