ޓެކާސް ކަޕް: މާޅޮސް ބަލިކޮށް އޭދަފުށި ފައިނަލަށް

ބ. އަތޮޅުގައި މިހާރު ކުރިއަށްދާ، ޓެކާސް މައިލޯ ޗެމްޕިއަންޝިޕް ފުޓްސަލް މުބާރާތުގެ ފައިނަލަށް އޭދަފުށި ދަތުރުކޮށްފި އެވެ.

މި މުބާރާތުގައި އޭދަފުށި ތަމްސީލް ކުރާ ވެލާ ސްޕޯޓްސް ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި އިތުރު އެއް މެޗު އޮއްވައި ރޭ ކުޅުނު މެޗުން 2-1 އިން މާޅޮސް ބަލިކޮށްގެންނެވެ.

ދަރަވަންދޫ ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ރޭގެ މެޗުގައި ފުރަތަމަ ލަނޑުޖެހީ މާޅޮސް ޓީމުންނެވެ. މެޗު ފެށިގެން 40 ސިކުންތެގެ ތެގޭގައި މާޅޮހަށް ލީޑް ނަގައިދިނީ އާލިމު އެވެ.

އޭދަފުށިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިފަ އެވެ. މާޅޮހުން ލީޑް ނެގިތާ އިރުކޮޅެއް ފަހުން އޭދަފުށިން އެއްވަރު ކުރި ލަނޑުޖެހީ މޮޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިބްރާހިމް ޝަރީފެވެ. އޭގެ ދެ މިނީތް ފަހުން ޝާހީ މޫސާ (ހިތޭ) ވަނީ ދުރުން ފޮނުވާލި ބާރު ހަމަލާއަކުން އޭދަފުއްޓަށް ލީޑް ނަގައިދީފަ އެވެ.

މިއީ މާޅޮސް މި މުބާރާތުގައި ބަލިވި ފުރަތަމަ މެޗެވެ. މާޅޮސް ވަނީ ފުރަތަމަ ދެ މެޗުގައި ކަމަދޫ އާއި ކިހާދޫ ބަލިކޮށްފަ އެވެ.

ތިން މެޗުން މޮޅުވެ، ނުވަ ޕޮއިންޓާއެކު އޭދަފުށި އެއްވަނައިގައި އޮތްއިރު، 6 ޕޮއިންޓާއެކު މާޅޮސް އޮތީ ދެ ވަނައިގަ އެވެ. ކިހާދޫ އަދި މާޅޮހަށް ލިބިފައިވަނީ 4 ޕޮއިންޓެވެ.

ރޭ ކުޅުނު ފުރަތަމަ މެޗުގައި ކިހާދޫ ވަނީ 7-1 އިން ކަމަދޫ ބަލިކޮށްފަ އެވެ. ކަމަދޫ ވަނީ ކުޅުނު ހަތަރު މެޗުން ވެސް ބަލިވެ މުބާރާތުން ކަޓައިފަ އެވެ.

މި މުބާރާތުގައި މިރޭ ކުޅޭނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކެވެ. ފުރަތަމަ މެޗުގައި އޭދަފުށްޓާ ދެކޮޅަށް ނުކުންނީ ކިހާދޫ އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ މާޅޮހާއި ދަރަވަންދޫ އެވެ.

މިރޭގެ ނަތީޖާ އިން މާދަމާރޭ ފައިނަލްގައި އޭދަފުއްޓާ ދެކޮޅަށް ނުކުންނަ ޓީމެއް ޔަގީން ވާނެ އެވެ.

އޭދަފުއްޓާ ކިހާދޫ ކުޅޭ މެޗު ފަށާނީ މިރޭ 8:30 ގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.