ޓެކާސް ކަޕް: ފައިނަލް މާދަމާ ރޭ، އޭދަފުއްޓާ ދެކޮޅަށް ނުކުންނާނީ ދަރަވަންދޫ

ބ. ދަރަވަންދޫގައި މިހާރު ކުރިއަށްދާ ޓެކާސް މައިލޯ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބ. އަތޮޅުގެ ފައިނަލުގައި އޭދަފުއްޓާ ދެކޮޅަށް ދަރަވަންދޫ ވާދަކުރަން ޖެހިއްޖެ އެވެ.

ދަރަވަންދޫ ފައިނަލުން ޖާގަ ހޯދީ ރޭ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި 3-2 އިން މާޅޮސް ބަލިކޮށް ގްރޫޕްގެ ދެވަނަ ހޯދައިގެންނެވެ.

ގްރޫޕްގެ އެއްވަނަ ހޯދީ މި މުބާރާތުގައި އޭދަފުށި ތަމްސީލް ކުރާ ވެލާ ސްޕޯޓްސް އެވެ. އޭދަފުށިން ވަނީ ރޭ ކުޅުނު ފުރަތަމަ މެޗުގައި ކިހާދޫ އާ ވާދަކޮށް 3-1 އިން މޮޅުވެފަ އެވެ.

އޭދަފުށީގެ އަލީ ނަސީމް ލަނޑެއް ޖަހާފައިވަނިކޮށް ފުރަތަމަ ހާފް ނިމުމުގެ ކުރިން ކިހާދޫ އަށް ލިބުނު ޕެނަލްޓީއަކުން އާހިލް ވަނީ އެ ޓީމަށް ނަތީޖާ އެއްވަރުކޮށްފަ އެވެ. ނަމަވެސް ފަހު ހާފްގައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަލީ ނަސީމް އިތުރު ދެ ލަނޑު ޖަހައި ހެޓްރިކް ފުރިހަމަކޮށް އޭދަފުށި މޮޅުކޮށްދީފަ އެވެ.

އޭދަފުށި ގްރޫޕްގެ އެއްވަނަ ހޯދީ ގްރޫޕް ސްޓޭޖްގައި ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށްގެންނެވެ.

ބ. އަތޮޅުގެ ޗެމްޕިއަން ޓީމް މި މުބާރާތުގެ ޒޯން ޗެމްޕިއަނަށެވެ. އޭދަފުށި ހިމެނެނީ ރ، ޅ، އަދި މާލެ އަތޮޅު އުތުރުގެ ޗެމްޕިއަނުންނާއެކު ޒޯން 2 ގަ އެވެ.

އޭދަފުއްޓާ ދަރަވަންދޫ ކުޅޭ ފައިނަލް މެޗު އޮންނާނީ މާދަމާ ރޭ 8:45ގަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ގާދިރު

    ވެލާ ސްޕޯޓްސް ކުލަބުން އޭދަފުށި ފުޓުބޯޅަ ކުރިއަރުވަން ތިޔަ ކުރާ ހުރިހާ މަސައްކަތްތަކަށް އޭދަފުށި ރަައްޔިތެއްގެ ޙައިސިއްޔަތުން ވަރަށް ބޮޑަށް ޝުކުރިއްޔާ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.