ޓެކާސް ކަޕްގެ ބ. އަތޮޅުގެ ޗެމްޕިއަންކަން އޭދަފުއްޓަށް

ޓެކާސް ކަޕްގެ ބ. އަތޮޅުގެ ޗެމްޕިއަން އޭދަފުށި ވެލާ ސްޕޯޓްސް

ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕްގެ ބ. އަތޮޅުގެ ޗެމްޕިއަންކަން އޭދަފުށިން ހޯދައިފި އެވެ.

މުބާރާތް ބޭއްވި ދަރަވަންދޫ އާ ދެކޮޅަށް މިރޭ ކުޅުނު ފައިނަލް މެޗު އޭދަފުށީގެ ވެލާ ސްޕޯޓްސް ކްލަބުން ކާމިޔާބުކުރީ 2-0 އިންނެވެ.

ފޯރިގަދަ ފައިނަލުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އޭދަފުށީ ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދިން އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މާގާމު ހޯދި އަހްމަދު އަޝްރަފު ޔޫސުފް (ސޮބީ) އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ސޮބީ އޭދަފުއްޓަށް ފުރަތަމަ ލީޑް ނަގައިދިނީ ފުރަތަމަ ހާފް ނިމެން މިނިޓަކަށްވެފައި ވަނިކޮށެވެ. ދެވަނަ ލަނޑު ކާމިޔާބުކުރީ ދެވަނަ ހާފްގަ އެވެ.

ދަރަވަންދޫ ޓީމަށް ވެސް މި މެޗުގައި ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް އެ ޓީމުން ފޮނުވާލި ހަމަލާތަށް އޭދަފުށީގެ ކީޕަރު އަލީ އަޖުފާން އަމްޖަދު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ.

ޓެކާސް މުބާރާތުގެ ބ. އަތޮޅު ބައިގައި ފަސް ޓީމަކުން ވާދަކުރި އެވެ. އެއީ މުބާރާތް ހޯސްޓު ކުރި ދަރަވަންދޫގެ އިތުރުން އޭދަފުށްޓައި މާޅޮހާއި ކަމަދޫ އަދި ކިހާދޫ އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން:

  • އިބްރާހިމް ޝަރީފް (ލުއްޑާ) – އޭދަފުށި
  • ޝާހީ މޫސާ (ހިތޭ) – އޭދަފުށި
  • ހައްސާން ރާޝިދު – މާޅޮސް
  • ސާމިހް އަލީ ޝަރީފް – ދަރަވަންދޫ
  • އަހްމަދު އާހިލް އާމިރު – ކިހާދޫ

ކިހާދޫގެ އާހިލް ވަނީ މުބާރާތުގެ އެންމެމޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމުގެ އިތުރުން އެންމެމޮޅު ޕްލޭ މޭކަރ ގެ އެވޯޑްވެސް ހޯދައިފަ އެވެ.

މުބާރާތުގެ އެންމެމޮޅު ކޯޗަކަށް ހޮވުނީ އޭދަފުށީ ޓީމުގެ ކޯޗު މޫސާ ސައީދެވެ. މުބާރާތުގެ އެންމެމޮޅު ގޯލް ކީޕަރު އަދި އެންމެމޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ އޭދަފުށީ ޓީމުގެ ގޯލް ކީޕަރު އަޖުފާނަށެވެ.

ބ. އަތޮޅުގެ ޗެމްޕިއަންކަން ހޯދުމާއެކު އޭދަފުށި ވަނީ ޓެކާސް ކަޕްގެ ޒޯން ޗެމްޕިއަންޝިޕަށް ކޮލިފައިވެފަ އެވެ. އޭދަފުށި ހިމެނެނީ ރ، ޅ އަދި މާލެ އަތޮޅު އުތުރުގެ ޗެމްޕިއަނުންނާއެކު ޒޯން ދޭއްގަ އެވެ. މުބާރާތުގައި އޭދަފުށީ މާދަމާ ބައްދަލުކުރާނީ ރ އަތޮޅުގެ ޗެމްޕިއަން ދުވާފަރާ އެވެ.

މާދަމާ 4.30 ގައި މި މެޗު ވެސް ކުޅެނީ ދަރަވަންދު ފުޓްސަލް ދަނޑުގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.