ގޯލްޑަން ފުޓްސަލް: ޔުނައިޓެޑް ވީ އިން އެދެނީ ރައްޔިތުންގެ ސަޕޯޓަށް


ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ބ. އަތޮޅު ބުރުގެ ފުރަތަމަ މެޗުގައި އޭދަފުށިން މިރޭ ތުޅާދޫއާ ދެކޮޅަށް ނުކުންނައިރު މާލެ ސަރަހައްދުގައި ދިރިއުޅޭ އޭދަފުށީގެ ވީހާވެސް ގިނަ ރައްޔިތުން ޓީމަށް ތަރުހީބު ދިނުމަށް ދަނޑަށް ދިއުމަށް މުބާރާތުގައި އޭދަފުށި ތަމްސީލުކުރާ ޔުނައިޓެޑް ވީ އިން ބުނެފި އެވެ.

އޭދަފުއްޓާއި ތުޅާދޫގެ އިތުރުން އަތޮޅު ބުރުގައި ވާދަކުރަނީ ހިތާދޫ އިންނެވެ. ހުޅުމާލޭ ރެހެންޑި ޓާފް ފުޓްސަލް ގްރައުންޑް ދޭއްގައި އޭދަފުއްޓާ ތުޅާދޫ ވާދަކުރާ މެޗު ފަށާނީ މިރޭ 8:15 ގަ އެވެ. މުބާރާތުގެ ޒޯން ބުރަށް ހޮވޭނީ އަތޮޅު ޗެމްޕިއަންކަން ލިބޭ ޓީމެކެވެ. މެޗު ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ޔޫޓިއުބް ޗެނަލުންނާއި ފޭސްބުކް އިން ވަގުތުން ދައްކާނެ އެވެ.

ޔުނައިޓެޑް ވީ އިން ނެރުނު ފުޓްސަލް ޓީމު ވަނީ 2018 ވަނަ އަހަރުގެ ސެމީ ފައިނަލުގައި އަދި 2019 ވަނަ އަހަރުގެ ފައިނަލުގައި ވާދަކޮށްފަ އެވެ. ފުރަތަމަ ބައިވެރިވި މުބާރާތުގެ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ބަލިވީ މާފަންނު އަތުންނެވެ. އެންމެ ފަހުގެ މުބާރާތުގެ ފައިނަލުގައި ބަލިވީ ތ. ތިމަރަފުށި އަތުންނެވެ.

މިރޭގެ މެޗުގެ ކުރިން އޭދަފުށި ޓައިމްސްއާ ވާހަކަދައްކަމުން ޔުނައިޓެޑް ވީގެ އޮފިޝަލް ބުނީ މިފަހަރުގެ މުބާރާތް މިދިޔަ ދެ މުބާރާތަށްވުރެ ވާދަވެރި ވާނެކަމަށާއި، ތުޅާދޫ ބަލިކުރަން އެޓީމަށް ބޭނުންވަނީ އޭދަފުއްޓަށް ހެޔޮއެދޭ ސަޕޯޓަރުންގެ އެހީ ކަމަށެވެ.

“އަތޮޅު ބުރު އަބަދުވެސް އުނދަގޫ. މިރޭގެ މެޗުގައި ތުޅާދޫ ބަލިކުރަން އޭދަފުއްޓަށް ހެޔޮއެދޭ ސަޕޯޓަރުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުން. މާލެ ސަރަހައްދުގައި ދިރިއުޅޭ ރަށުގެ ސަޕޯޓަރުން ޓީމަށް ތަރުހީބު ދިނުމަށް ދަނޑަށް ދިއުމަކީ ޔުނައިޓެޑް ވީގެ ވަރަށް ބޮޑު އެދުމެއް” ޔުނައިޓެޑް ވީގެ އޮފިޝަލް ބުންޏެވެ.
މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޔުނައިޓެޑް ވީ އިން ވަނީ ޕްރެކްޓިސް މެޗުތަކެއް ކުޅެފަ އެވެ. އަދި ޓީމުގެ ޕްރެކްޓިސް ޖާޒީއެއް ތައްޔާރުކޮށް މުބާރާތަށް ހޯމް އެންޑް އަވޭ ޖާޒީ ތައްޔާރުކޮށްފައިވެ އެވެ.

ޔުނައިޓެޑް ވީގެ ހޯމް ޖާޒީ އާއި އަވޭ ޖާޒީ ތައްޔާރުކޮށްފައިވަނީ ލަމްޕޯ ސްޕޯޓްސްވެއާ އިންނެވެ. ޔުނައިޓެޑް ވީ އިން މިހާރު ވަނީ ފުޓްސަލް ޓީމުގެ ޖާޒީ ސަޕޯޓަރުންނަށް ވިއްކަން ހުޅުވާލާފަ އެވެ. ޕްރިއޯޑާ އަށް ހުޅުވާލި ބޮޑެތި މީހުންގެ ޖާޒީ 200 ރުފިޔާ އަށް ވިއްކާއިރު ކުޑަކުދިންގެ ޖާޒީ ވިއްކަނީ 150 ރުފިޔާ އަށެވެ.

ޓީމުގެ މެއިން ސްޕޮންސަރަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިޖިޓަލް ލެބްގެ ހިދުމަތްދޭންފެށި މެޑިފްލެކްސް އެވެ. ޓީމުގެ ކޯ ސްޕޮންސަރަކީ އެއިޓީ ފޯ – 84 އެވެ. އަދި އޭދަފުށީ ކިވީ ލައިން އާއި ރަށު ކައުންސިލުން ޓީމަށް އެހީތެރިކަން ފޯރުކޮށްދެ އެވެ.


ގައުމީ ފުޓްސަލްގެ ފައިނަލް ސްކޮޑުގައި އިޝާން އިބްރާހީމް (ސައްޓު) އާއި ގޯލްކީޕަރު އަބްދުﷲ ނާސިހު ހިމެނުމުން މިފަހަރުގެ މުބާރާތުގެ ފުޓްސަލް ޓީމުން މި ދެކުޅުންތެރިން ނުފެންނާނެ އެވެ. ސައްޓު އާއި ނާސިހު ވަނީ މިދިޔަ ދެ މުބާރާތުގައި އޭދަފުށީ ޓީމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.


މުހިއްމު ދެކުޅުންތެރިން ނެތްނަމަވެސް އޭދަފުށިން އެކުލަވާލި ޓީމު ވަރުގަދަ ވާނެކަމަށް ޔުނައިޓެޑް ވީ އިން ބުނެ އެވެ.

މުބާރާތަށް އޭދަފުށިން އެކުލަވާލި ޓީމު

1- އަލީ އަޖުފާން އަމްޖަދު
2- މުހައްމަދު އަނޫފް
3- އަލީ ނަސީމް
4- އަލީ ޝިފާއު
5- އިސްމާއީލް ޝަރީފް
6- އުނައިޝް ޒުބައިރު
7- އަހުމަދު އަޝްރަފް ޔޫސުފް
8- ޝާހީ މޫސާ
9- މުހައްމަދު ފާސިރު
10- އިބްރާހީމް ޝަރީފް
11- ހާފިޒު އަހުމަދު
12- އަބްދުﷲ ފާސިރު
13- އައިމާން ހަބީބް
14- ހަމްދާން އަބްދުއްސައްތާރު

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.