ގޯލްޑަން ފުޓްސަލް: ފުރަތަމަ މެޗުގައި އޭދަފުށިން ތުޅާދޫ ބަލިކޮށްފި

ފޮޓޯ؛ އަބްދުﷲ އިޔާން/އަދަދު

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުރިއަށްގެންދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ބ. އަތޮޅު މުބާރާތުގެ ފުރަތަމަ މެޗުގައި ރޭ އޭދަފުށިން 5-1 ގެ ނަތީޖާއަކުން ތުޅާދޫ ބަލިކޮށްފި އެވެ.

ބ. އަތޮޅުން މުބާރާތުގައި ދެން ވާދަކުރާނީ 2015 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކުރި ހިތާދޫ އެވެ. ޖުމްލަ ތިން މެޗު ކުޅޭ އަތޮޅު ބުރުގެ ދެ ވަނަ މެޗުގައި އަންނަ ހޯމަ ދުވަހުގެ ރޭ ވާދަކުރާނީ ހިތާދޫ އާއި ތުޅާދޫ އެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އޭދަފުއްޓާ ހިތާދޫ ކުޅޭ މެޗު އޮންނާނީ މި މަހުގެ 10 ވަނަ ދުވަހު އެވެ. މިރޭގެ މެޗަށް ނުކުތްއިރު އަނިޔާގެ ސަބަބުން އޭދަފުށީ ޓީމުގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ޝާހީ މޫސާ އާއި އިބްރާހީމް ޝަރީފް އަށް ނުކުޅެވުނެވެ.

ތުޅާދޫ ޓީމަށް ލިބުނު ގެއްލުމަކީ މިރޭ ދިވެހި ޕްރިމިއާ ލީގުގައި ކްލަބް ގްރީން ސްޓްރީޓްސްގެ މެޗެއް އޮތުމުން އެޓީމުގެ މުހިއްމު ކުޅުންތެރިޔާ އަންސަރު އިބްރާހީމް (އަންކޮ) އަށް ނުކުޅެވުމެވެ. މެޗު ފަށައިގެން ކުރީކޮޅު މޮޅަށް ކުޅެ މުހައްމަދު ފާސިރުގެ ގޯލުން އޭދަފުށިން ލީޑު ނެގި އެވެ. އޭގެ އިރުކޮޅެއް ފަހުން އޭދަފުށީގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު އަޝްރަފް ޔޫސުފް (ސޮބީ) އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ތުޅާދޫ އަށް ލިބުނު ހިލޭ ޖެހުމެއްގައި އެޓީމުން ނަތީޖާގެ ފަރަގު ކުޑަކުރި އެވެ.

ފޮޓޯ؛ އަބްދުﷲ އިޔާން/އަދަދު

ދެ ވަނަ ހާފުގައި އޭދަފުށިން ވަނީ ތިން ލަނޑު ޖަހައިފަ އެވެ. މި ލަނޑުތައް ކާމިޔާބުކޮށްދިނީ ހަމްދާން އަބްދުއްސައްތާރު އާއި އަލީ ނަސީމް އަދި ސޮބީ އެވެ. ދެ ލަނޑު ޖެހި ސޮބީ ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދާފަ އެވެ.

މި ހާފުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް އޭދަފުށީ ޓީމަށް ލިބި ބޭކާރުވިއިރު ތުޅާދޫ ޓީމުން ފޮނުވާލި ހަމަލާތައް އޭދަފުށީ ޓީމުގެ ގޯލްކީޕަރު އަލީ އަޖުފާން އަމްޖަދު ވަނީ މަތަކޮށްފަ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އޭދަފުށި ތަމްސީލުކުރަނީ ޔުނައިޓެޑް ވީ އިންނެވެ. އެޓީމުގެ މެއިން ސްޕޮންސަރަކަށް މެޑްފްލެކްސް ހަމަޖެއްސިއިރު ކޯ ސްޕޮންސަރަކީ އެއިޓީ ފޯ – 84 އެވެ. މީގެ އިތުރުން ކިވީ ލައިން އާއި އޭދަފުށީ ކައުންސިލުން ޓީމަށް އެހީތެރިކަން ފޯރުކޮށްދެ އެވެ، އޭދަފުށީ ޓީމުގެ ޖާޒީ ކިޓް ތައްޔާރުކޮށްދީފައިވަނީ ލަމްޕޯ ސްޕޯޓްސްވެއާ އިންނެވެ.

ބ. އަތޮޅު ބުރުގައި ތުޅާދޫ އާއި ހިތާދޫ ވާދަކުރާ މެޗު ފަށާނީ އަންނަ ހޯމަ ދުވަހުގެރޭ 8:15 ގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.