ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ ބ. އަތޮޅުގެ ޗެމްޕިއަންކަން އޭދަފުށިން ހޯދައިފިއެވެ.
ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ބ. އަތޮޅުގެ ޗެމްޕިއަންކަން ރޭ އޭދަފުށީ ޓީމުން ޔަގީންކުރީ އަތޮޅު ފައިނަލުގައި 6-0 އިން ހިތާދޫ ބަލިކޮށްފައެވެ. މި ދެ ޓީމުގެ އިތުރުން ދެން މި މުބާރާތުގައި މިއަތޮޅުން ވާދަކުރީ ތުޅާދޫ އެވެ.
ބ. އަތޮޅުން ތިން ޓީމު ބައިވެރިވެފައިވާތީ، ޗެމްޕިއަން ހޮވީ ތިން ޓީމު ލީގު ބުރެއް ކުޅެގެންނެވެ. އޭދަފުށި ތަށި އުފުލާލީ ކުޅުނު ދެ މެޗުން ވެސް މޮޅުވެގެންނެވެ. ރޭ ހިތާދޫ އަތުން މޮޅުވީ، އެ ޓީމަށް މެޗުގެ ތެރެއަށް ވަންނަން އެއްވެސް ފުރުސަތެއް ނުދީ އެވެ. އޭދަފުށްޓަށް ލީޑުނަގައިދިނީ ރޭގެ މެޗުގައި ދެ ގޯލު ޖަހައި މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ހާފިޒް އަހުމަދު އެވެ.
ގޯލްޑަން ފުޓްސަލް ޗެެލެންޖްގެ އަތޮޅު ބުރުގެ ކުޅުން ނިމިފައިވާއިރު، ޒޯން ބުރު ފަށާނީ ހޯމަ ދުވަހުގެރޭގަ އެވެ.