ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން ބުރުގައި ރޭ އޭދަފުށި ކުޅުނު މެޗުން ދުވާފަރު އަތުން ބަލިވެއްޖެ އެވެ.
އެ މެޗު ވަރުގަދަ ކުޅުމަކާއެކު ދުވާފަރުން ކާމިޔާބުކުރީ 3-0 އިންނެވެ.
ދުވާފަރުން ރޭގެ މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި މުހައްމަދު ޖުމާން ވަނީ ފުރަތަމަ ގޯލު ޖެހުމުގެ އިތުރުން ދެ ވަނަ ގޯލު ޖަހަން އެހީތެރިވެދީފަ އެވެ. ދެ ވަނަ ގޯލު ޖެހީ ޖުމާން ޖެހި ބޯޅައަކުން މުހައްމަދު އިސާމް ބޮލުންނެވެ. ފަހު ގޯލު ޖެހީ ކައުންޓަ އެޓޭކުގައި އަހުމަދު އީސާ އެވެ.
މި މެޗުގައި އޭދަފުށީގެ އަލީ ނަސީމް އާއި މުހައްމަދު ފާސިރު އަދި ހާފިޒު އަހުމަދު ކުރި އެޓޭކްތައް ހުއްޓުވުމުގައި ދުވާފަރުގެ ކީޕަރު މުހައްމަދު އިބްރާހިމް މޮޅު ކުޅުމެއް ދެއްކި އެވެ.
ޖުމުލަ 91 ޓީމާއެކު ފެށި މުބާރާތުގެ ޒޯން ބުރުގައި ޓީމުތައް ވާދަކުރާނީ އަށް ޒޯނަކަށެވެ. ކޮންމެ ޒޯނަކުންވެސް އެއްވަނަ އަދި ދެވަނަ ޓީމު ފައިނަލް ބުރަށް ދާނެއެވެ. ޒޯން ބުރުގެ މެޗުތައް ރޭ ފަށާފައިވާ އިރު، ނިމޭނީ މިމަހުގެ 20 ވަނަ ދުވަހުގެ ރޭގައެވެ.