ގޯލްޑަން ފުޓްސަލް: ކުއާޓާގައި އޭދަފުށި މިރޭ ކުޑަހުވަދޫއާ ދެކޮޅަށް

ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އޭދަފުށި މިރޭ ކުއާޓާ ފައިނަލުގައި ދ. ކުޑަހުވަދޫއާ ދެކޮޅަށް ނުކުންނާނެ އެވެ.

މުބާރާތުގައި އޭދަފުށި ތަމްސީލުކުރަނީ ޔުނައިޓެޑް ވީ އިންނެވެ. އޭދަފުށިން އަތޮޅު ޗެމްޕިއަންކަން ހޯދީ ގްރޫޕް ސްޓޭޖުގައި ތުޅާދޫ އަދި ހިތާދޫ ބަލިކޮށްގެންނެވެ. ޒޯން ބުރުގައި އޭދަފުއްޓަށް ލިބުނީ ދެ ވަނަ އެވެ. ޒޯނުގައި ކުޅުނު ދެ މެޗުގެ ތެރެއިން ދުވާފަރު އަތުން ބަލިވިއިރު އަނެއް މެޗުގައި ކުޑަފަރީ އަތުން އޭދަފުށި މޮޅުވި އެވެ. ގަދަ 16 ގެ ބުރުގައި އޭދަފުށި ވަނީ ގދ. ވާދޫ 3-1 އިން ބަލިކޮށްފަ އެވެ.

މިރޭ އޭދަފުއްޓާ ދެކޮޅަށް ނުކުންނަ ކުޑަހުވަދޫ ކުއާޓާ ފައިނަލުން ފުރުސަތު ހޯދީ ގަދަ 16 ގެ މެޗުގައި ޕެނަލްޓީ ޖަހައިގެން ހއ. އިހަވަންދޫ ބަލިކޮށްގެންނެވެ. ކުޑަހުވަދޫ މިހާތަނަށް މުބާރާތުގައި ބަލިވެފައެއްނުވެ އެވެ. އަތޮޅު ބުރުގެ ޗެމްޕިއަންކަން ހޯދިއިރު ޒޯނުން އެޓީމަށް ލިބުނީ ދެ ވަނަ އެވެ. އެކަމަކު ލަނޑުގެ ތަފާތުން ޒޯން ޗެމްޕިއަންކަން ހޯދި ގަދަފަދަ ތިމަރަފުއްޓާ ވާދަކޮށް ކުޑަހުވަދޫ ވަނީ 2-2 އިން އެއްވަރުކޮށްފަ އެވެ.

މިރޭ 8:15 ގައި ކުޅޭނީ ކުއާޓާ ފައިނަލުގެ ފުރަތަމަ ދެ މެޗެވެ. އެއް މެޗުގައި ކ. ގާފަރާއި މާފަންނު ވާދަކުރާއިރު އެގަޑީގައި ކުޅޭ އަނެއް މެޗުގައި ކުޅޭނީ ހުޅުމާލެ އާއި މާލެގަން އެވެ. ކުއާޓާ ފައިނަލުގެ ފަހު ދެ މެޗު ފަށާނީ ރޭގަނޑު 9:15 ގަ އެވެ. އެގަޑީގައި އޭދަފުއްޓާ ކުޑަހުވަދޫ ވާދަކުރާ މެޗުގެ އިތުރުން ކުޅޭނީ ތިމަރަފުއްޓާ ދުވާފަރު ވާދަކުރާ މެޗެވެ.

ޔުނައިޓެޑް ވީ އިން ބުނީ އޭދަފުށި ކުއާޓާ ފައިނަލުގައި ވާދަކުރާ މެޗުގައި ރަށު ޓީމަށް ސަޕޯޓް ދިނުމަށް މާލެ ސަރަހައްދުގައި ތިބި ސަޕޯޓަރުން ދަނޑަށް ދިއުމަށް އެދޭކަމަށެވެ. އަދި މުބާރާތުގެ މިހާހިސާބުން ކުރިއަށް ދިއުމުގައި ސަޕޯޓަރުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާކަމަށް ޔުނައިޓެޑް ވީ އިން ބުންޏެވެ.

2018 ވަނަ އަހަރު ގޯލްޑަން ފުޓްސަލްގެ ފައިނަލުގައި އޭދަފުށިން ވާދަކުރިއިރު 2019 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ވަނީ ވާދަކޮށްފަ އެވެ.

އޭދަފުއްޓާ ކުޑަހުވަދޫ ކުޅޭ މެޗު މިރޭ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުގެ ފޭސްބުކް ޕޭޖުން ވަގުތުން ދުރަށް ދައްކާނެ އެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.