ކަމަދޫ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސަށް ހުށަހަޅައިފި

ބ. ކަމަދޫ ރައްޔިތުންގެ ކަންބޮޑުވުންތައް  ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ، ކައުންސިލުން ހިއްސާކޮށްފި އެވެ.

ރައީސް އޮފީހުގައި ކަމަދޫ ކައުންސިލާ އެކު މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމެއްގައި އެ ރަށު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސާ ހިއްސާކޮށް، ކައުންސިލުން ވަނީ އެރަށުގެ ތަރައްޤީއަށް ސަރުކާރުން ހިންގާ މަޝްރޫޢުތައް ކަމަދޫގެ ލޭންޑް ޔޫޒް ޕްލޭނާ އެއްގޮތަށް ކުރެވޭނެ އުޞޫލެއް ފަހިކޮށްދެއްވުމަށް  ރައީސަށް ދެންނެވި ކަމަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ލިއެފައިވެ އެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި ކަމަދޫ ކައުންސިލާއި ރައްޔިތުންގެ ކަންބޮޑުވުންތަކުގެ ގޮތުގައި ކައުންސިލުން ފާހަގަކުރައްވާފައި ވަނީ ރަށްގިރާ މައްސަލައާއި، ކަމަދޫ ސްކޫލްގެ ޖާގައިގެ ދަތިކަމާއި، ރަށުގައި ފުލުހުންގެ ޚިދުމަތް ނެތުމުން ހުރި ކަންބޮޑުވުންތަކާއި، ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަމާއި، މިސްކިތުގެ ޢިމާރާތް ގިނަ ދުވަސްވެފައިވުމުގެ ސަބަބުން ހުރި ދަތިތަކާއި، ކަމަދޫގައި ތަރައްޤީކުރާ ބަނދަރާއި ގުޅިގެން ހުރި ކަންބޮޑުވުންތަކެވެ.

މީގެ އިތުރުން ވެސް ފުލްޓައިމްކޮށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސައްކަތްތައް ކުރުމުގައި ދިމާވާ ދަތިތައް ކައުންސިލްގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރުއްޔާއާ ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ކަމަދޫ ކައުންސިލަރުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖެ ހިންގަވާގޮތާއި މެދު ކަމަދޫ ރައްޔިތުން ތިބީ ހިތްހަމަޖެހިގެންކަމަށާއި، މީގެ ކުރިން ދުވަހަކުވެސް ކަމަދޫއަށް ހަމަޖެހިފައިނެތް ތަރައްޤީގެ މަޝްރޫޢުތައް މި ސަރުކާރުން ހަމަޖައްސަވައިދެއްވައިފައިވާތީ ރައީސުލްޖުމްހޫރިއްޔާއަށާއި އެމަނިކުފާނުގެ ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލަރުން ފާހަގަކުރެއްވި މުހިންމު މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތު ކައުންސިލާ ޙިއްޞާކުރައްވާފައެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި އިތުރު ކަންކަމުގައި އެދެވޭ ނަތީޖާއެއް ހޯދުމަށްޓަކައި ކަމާބެހޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

 މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މިފަދަ ބައްދަލުވުންތަކުން ރަށްރަށުގެ ކަންކަމާގުޅޭގޮތުން ލިބޭ މަޢޫލޫމާތަކީ ކަންކަން ރަނގަޅުކުރުމަށް ވަރަށް ފަސޭހަވެގެންދާކަމެއްކަން ފާހަގަކުރައްވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.