
ބ. ކަމަދޫ ބަނދަރު އިތުރަށް ތަރައްގީކުރަން ބޭނުންވާ ސާމާނު އެރަށް ގެނެސް މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.
މި މަޝްރޫއު ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި އެ ކުންފުންޏާއި ޕްލޭނިން މިނިސްޓްރީއާ އެކު ސޮއިކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ 20ގަ އެވެ.
ކަމަދޫ ކައުންސިލުން ބުނީ ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
އެގޮތުން ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ބައެއް ސާމާނު އިއްޔެ އެރަށު ގެނެސްފައިވާ ކަމަށް ވެސް އެރަށު ކައުންސިލުން ބުންޏެވެ.
ކަމަދޫ ބަނދަރު މަރާމާތުކުރުމުގެ މަޝްރޫއުގެ ތެރެއިން އެ ބަނދަރު 25،404 ކިއުބިކް މީޓަރަށް ފުންކުރާނެ އެވެ. އަދި ބަނދަރުގައި 180 މީޓަރުގެ ބޭރު ތޮއްޓަކާއި 346 މީޓަރުގެ އެއްގަމު ތޮއްޓެއް ލައި، 826 މީޓަރުގެ ރިވެޓްމަންޓް ޖަހައި އަދި 70 މޫރިން ރިންގް ހަރުކުރާނެ އެވެ.
މީގެ އިތުރުން 1،730 އަކަ މީޓަރުގެ ޕޭވްމަންޓެއް ހަދައި 17 މަގު ބައްތި ޖަހާނެ އެވެ. އަދި ދެ ނެރު ބައްތި ހަރުކޮށް 11m x 11m ގެ ރޭމްޕެއް ވެސް ކަމަދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް ވެސް އެމްޓިސީސީން ކުރާނެ އެވެ.
މި ހުރިހާ މަސައްކަތެއް 13 މަސް ދުވަހުގެ ތެރޭ ނިންމަން އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 47 މިލިއަން ރުފިޔާ އަށެވެ.
