
މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރަމަންޓް ސޮސައިޓީ (މާރެސް) އިން ބ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ އަތޮޅު ވޮލީބޯޅަ މުބާރާތް މާދަމާ ހަވީރު ފަށާނެ އެވެ.
މި މުބާރާތައި ޖޫން 15-20 އަށް ފުރަތަމަ ކުރިއަށްދާނީ ފިރިހެން ޑިވިސަންގެ މެޗުތަކެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ވޭތުވެދިޔަ ދެ އަހަރުގެ ޗެމްޕިއަން ގޮއިދޫ އާއި ރަނާއަޕް މާޅޮސް އެވެ. މި ދެ ރަށުގެ އިތުރުން މިމުބާރާތުގައި ބައިވެރިވެފައިވަނީ އޭދަފުއްޓާއި ކަމަދޫ އާއި ކެންދޫ އަދި ފުޅަދޫ އެވެ.
އަންހެން ޑިވިސަންގެ މެޗުތައް ކުރިއަށްދާނީ ޖޫން 23-28 އަށެވެ.
މާރެސް އިން 2016 ވަނަ އަހަރު ފެށި މިމުބާރާތުގައި މިހާތަނަށް ވަނީ އަންހެންޑިވިޝަންގެ 4 މުބާރާތް ބާއްވައިފަ އެވެ. ފިރިހެން ޑިވިސަން ބާއްވަމުން އަންނަނީ 2018 ވަނަ އަހަރުން ފެށިގެންނެވެ.
ކޮވިޑް 19 ގެ ސަބަބުން މިދިޔަ ދެ އަހަރު މި މުބާރާތް ނުބާއްވަ އެވެ.
މިމުބާރާތުގެ މަގްޞަދަކީ އަތޮޅުގައި ތިބި ވޮލީކުޅުންތެރިންނަށް މުބާރާތެއްގައި ވާދަކޮށް އެކުޅުންތެރިންގެ ހުނަރު ދައްކާލުމަށް ފުރުޞަތުހޯދައި ދިނުމާއި، ކުޅުންތެރިންގެ ހުނަރު ރަނގަކުރުމުގެ އިތުރުން އެކުވެރިކަން އާލާ ކުރުން ކަމަށް މާރެސް އިން ބުންޏެވެ.
