އޭދަފުށީގައި އީދު ނަމާދު އޮންނާނީ ބޮޑު ޖަމާއަތުގައި

މޫސުން ރަނގަޅު ނަމަ ބޮޑު އީދު ނަމާދު އޭދަފުށީ ފުޓްބޯޅަ ދަނޑުގައި ބޮޑު ޖަމާއަތުގައި ކުރަން ނިންމާފައިވާ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.

އޭދަފުށީ ކައުންސިލުން ބުނިގޮތުގައި ގިނަ ބަޔަކު އެއް ތަނަކަށް ޖަމާވެ، ފުޓްބޯޅަ ދަނޑުގައި ނަމާދުކުރާގޮތަށް ހަމަޖެއްސީ ފޭލި ޖަމިއްޔާ އިސްވެ، ރަށު ކައުންސިލާ ގުޅިގެންނެވެ.

އެހެންވެ މިރަށުގައި މީގެ ކުރިން އީދު ނަމާދު ކުރާ ދެ މިސްކިތުގައިވެސް މިފަހަރު އަޟްހާ އީދު ނަމާދު ނުކުރާނެ ކަމަށް ރަށު ކައުންސިލުން ބުންޏެވެ.

ނަމަވެސް މޫސުން ގޯސް ވެއްޖެނަމަ ކުރިއެކޭ އެއްގޮތަށް ދެ މިސްކިތުގައި ވެސް އީދު ނަމާދު ކުރާނެ ކަމަށާއި އެހެން ނޫނީ އޮންނާނީ ބޮޑު ޖަމާއަތުގައި ކަމަށް ކައުންސިލުން ބުންޏެވެ.

ފޭލި ޖަމިއްޔާގެ ނައިބް ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ ކައުންސިލާއި އެ ޖަމިއްޔާ ގުޅިގެން އެގޮތަށް ނިންމީ ވީހާ ވެސް ގިނަ ބަޔަކު އެއް މައިނަދާކަށް ޖަމާވެ، އަޟްހާ އީދު ނަމާދު މި ފަހަރު ކުރާ ގޮތަށް ނިންމުމާ ގުޅިގެން ކަމަށެވެ.

“ބޭނުމަކީ ވީހާ ވެސް ގިނަ ބަޔަކު އެއް ތަނެއްގައި އީދު ނަމާދުކޮށް ސަލާންގަލާންކޮށް ހަދައި އެއްބައިވަންތަކަން އާލާ ކުރުން. އަޅުގަނޑުމެން ލަފާ ކުރަނީ މަދުވެގެން ހާހެއްހާ މީހުން މިއަހަރު ވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނެ ކަމަށް،” މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

ފޭލި ޖަމިއްޔާއިން ބުނީ ނަމާދަށް ދާ އަންހެނުންނާއި ފިރިހެނުންނަށް ދަނޑަށް ވަނުމަށް ހާއްސަ ގޭޓުތަކެއް ކަނޑައަޅާފައި ހުންނާނެ ކަމަށެވެ. އަދި ވަކިން ނަމާދުކުރެވޭނެ އިންތިޒާމުތައްވެސް ހަމަޖައްސާފައި ހުންނާނެ ކަމަށް ފޭލިން ބުންޏެވެ.

މީގެ އިތުރުން ޓްރެފިކް ލުއި ކުރުމަށް ފައިމަގުގައި ނަމާދަށް ދިޔުމަށް އެދޭ ކަމަށާއި އުޅަނދު ޕާކުކުރުމަށް، ވަކި ތަނެއް ހާއްސަކޮށްފައި ވާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ކަލަންޑަރުގައިވާ ގޮތުން ފިތުރު އީދު ދުވަހަކީ އަންނަ ހޮނިހިރު ދުވަހެވެ.

އޭދަފުށީގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން ފުޓްބޯޅަ ދަނޑުގައި ފުރަތަމަ ބޭއްވީ 2018 ވަނަ އަހަރެވެ. 2019 ވަނަ އަހަރުގެ އީދު ނަމާދުގެ ބޮޑު ޖަމާއަތް ނުބޭއްވުނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. ވޭތުވެ ދިޔަ ދެ އަހަރު ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރެވުނީ، ކޮވިޑް ފެތުރެމުން ދިއުމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.