ވަޅު އީދު ދުވަހު ހަވީރު އޭދަފުށީގައި ވެހިކަލް ދުއްވުން މަނާ

އޭދަފުށީ ބަނދަރުމަތިން ވެހިކަލްތަކެއް ދުއްވާފައި ދަނީ: ވަޅު އީދު ދުވަހު ހަވީރު އޭދަފުށީގައިވެހިކަލް ދުއްވުން މަނާ — ފޮޓޯ: އަހްމަދު ޔާނިއު/އީޓީ

އަންނަ ބޮޑު އީދުގެ ދެވަނަ ދުވަހު (ވަޅު އީދު ދުވަސް) ހަވީރު އޭދަފުށީގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކޮށް، ފައިމަގުގައި އުޅޭ ދުވަހެއްގެ ގޮތުގައި ރަށު ކައުންސިލުން ނިންމައިފި އެވެ.

ކަލަންޑަރުގައި ވާ ގޮތުން ވަޅު އީދު ދުވަހަކީ އަންނަ އާދީއްތަ ދުވަހެވެ.

ވެހިކަލް ދުއްވުން، އޭދަފުށީ ކައުންސިލުން މަނާކުރީ އެ ދުވަހު ރަށުގެ ބޮޑެތި މަގުތަކުގައި އީދުގެ މުނާސަބަތުގައި ސަގާފީ ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖައްސާފައިވާތީ އެވެ. އެގޮތުން ޖަމިއްޔަތުލް ވަފާގެ އީދު ކޯޑި ނެގުމާއި ކުރުފަލި ޖެހުމާއި ވެސްޓް ވިންގްސް ކަލަރަން ވެސް  ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން އީދުގެ އުފާފާޅު ކުރުމުގެ ބޭނުމުގައި ދޮށީ އުމުރުގެ މީހުންނާއި ކުޑަކުދިން މަގުމައްޗަށް ނުކުމެ ކުޅިވަރުތައް ބަލާލުމުގެ ފުރުސަތު ދިނުމަށެވެ.

ކައުންސިލުން ބުނީ އެ ހަރަކާތްތައް ބެލުމަށް އެ ދުވަހު ގިނަ އަދަދެއްގެ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން މަގުތަކަށް ނިކުންނާނެ ކަމަށާއި އެހެންވެ، ދުއްވާ ވެހިކަލެއްގެ ސަބަބުން މީހަކަށް ގެއްލުމެއް ލިބިދާނެ ކަމަށެވެ.

އެހެންވެ، މި ހަރަކާތްތައް ހިނގާ ވަގުތު ޓްރެފިކަށް ދިމާވެދާނެ މައްސަލަތައް ހައްލުކުރުމަށް، ފުލުހުންނާއި އީދު ކުޅިވަރު ކޮމެޓީގެ ލަފާގެ މަތިން އަންނަ އާދީއްތަ ދުވަހު ހަވީރު 4:00 އިން 6:00 އަށް އެއްވެސް ވެހިކަލެއް ދުއްވުމަކީ މަނާކަމެއް ކަމަށް އެ ކައުންސިލު ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.