ބ. އަތޮޅު ހޮސްޕިޓަލާއި އަމާންވެށީގެ ހާލަތު ނައިބް ރައީސް ބައްލަވައިލައްވައިފި

ނައިބު ރައީސް ފައިސަލް ނަސީމް ބ. އަތޮޅު ހޮސްޕިޓަލަށާއި ދައުލަތުގެ ބެލުމުގެ ދަށުން އޭދަފުށީގައި ކުދިން ބަލަހައްޓަމުންގެންދާ އަމާން ވެއްޓަށް މިއަދު ޒިޔާރަތް ކުރައްވައި، އެތަންތަނުގެ ހާލަތު ބައްލައި މައުލޫމާތު އޮޅުން ފިލުއްވައިފި އެވެ.

ނައިބް ރައީސް އޭދަފުއްޓަށް ވަޑައިގެންނެވީ މިއަދު މެންދުރުފަހުގެ ވަގުތެއްގަ އެވެ.

ފައިސަލް އޭދަފުއްޓަށް ވަޑައިގެން އެންމެ ފުރަތަމަ ޒިޔާރަތް ކުރައްވާފައި ވަނީ ފެމެލީ އެންޑް ޗިލްރަންސް ސާވިސް ސެންޓަރުގެ ދަށުން ހިންގަމުން އަންނަ އަމާންވެއްޓަށެވެ. އެގޮތުން ދައުލަތުގެ ބެލުމުގެ ދަށުން އެތަނުގައި ބަލަހައްޓާ ކުދިންނާ ބައްދަލު ކުރައްވައި، އެކުދިންގެ ހާލު ބައްލަވައި ކުދިންނާއެކު ވަނީ ވަގުތުކޮޅެއް ހޭދަކުރައްވާފަ އެވެ.  

މީގެ އިތުރުން އެތަނުގައި މިއަދު ވަނީ އުނދޯލި ގެއެއް ހުޅުވައިދެއްވައި ރުކެއް ވެސް އިންދަވާދެއްވާފަ އެވެ.

އަމާންވެށީގެ އިތުރުން ބ. އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން މި ވަގުތު ހޮސްޕިޓަލްގެ މަސައްކަތް ހިނގަމުންދާ ގޮތާއި ހުރި ދަތިތަކާއި ގުޅޭ މައުލޫމާތު އޮޅުން ފިލުއްވައި އެތަނުގައި އަލަށް ހަދާފައިވާ ޑައިލެސިސް ޔުނިޓް ވެސް ފައިސަލް  ވަނީ ބައްލަވާލައްވައިފަ އެވެ.

މީގެ އިތުރުން ނައިބް ރައީސް ވަނީ މިއަދު އޭދަފުށީ ކައުންސިލާ ވެސް ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށަށް މިހާރު އެންމެ ބޭނުންވާ ކަންކަން ނައިބް ރައިސާ ހިއްސާ ކުރައްވާފަ އެވެ.

ނާއިބު ރައީސް މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ނުރަސްމީ ދަތުރުފުޅަކީ ދަރަވަންދޫގައި ފާހަގަކުރާ މަގޭ އީދުގެ ހަރަކާތްތަތަކުގައި ބައިވެރިވުމަށް ކުރައްވާ ދަތުރުފުޅެކެވެ. ނައިބް ރައީސް އާއި އެމަނިކުފާނުގެ އާއިލާގެ ބޮޑު އީދު ފާހަގަކުރަނީ ދަރަވަންދޫގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.