ޝިއާއު މަރާލި ފަރާތްތައް ހޯދައި ހަރުކަށި އަދަބު ދިނުމަށް އޭދަފުށީ ކައުންސިލުން ގޮވާލައިފި

ފުލުހުން ޝީރީން ވިލާ ގޭގެ ބޭރުގައި — ފޮޓޯ: ނައުޝަމް ވަހީދު

މާލޭގައި އަނިޔާވެރި މަރަކުން ޒުވާން އުމުރުގައި ޝިއާއު މުހައްމަދު ސައީދު، ރޭ މަރާލި މީހުން ހޯދައި ގާނޫނުތަކުން ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް އޭދަފުށީ ކައުންސިލުން ގޮވާލައިފި އެވެ.

އޭދަފުށީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނިގޮތުގައި އެއްވެސް ރަހުމެއްނެތި އަނިޔާވެރިކަމާއެކު ޝިއާއު މަރާލާފައިވާ މައްސަލައިގެ ކަންބޮޑުވުން އޭދަފުށީ ރައްޔިތުން ފާޅުކުރަނީ ވަރަށްވެސް އަސަރާ އެކުގަ އެވެ.

އެހެންވެ، އެ ފަދަ ރަހުމު ކުޑަ ލާއިންސާނީ އަމަލު ހިންގާ ފަރާތްތަކާމެދު އެއްވެސް ހަމްދަރުދީއެއް ނެތި ތަހުގީގު އަވަސްކޮށް ގާނޫނުތަކުން ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބުދިނުމަށް ބަޔާނުގައި ގޮވާލާފައިވެ އެވެ.

ގެއެއްގެ ތެރޭގައި އަންހެނަކު މަރާލައިގެން ފުލުހުންނަށް ރިޕޯޓުކުރީ ރޭ 11:30 ހާއިރެވެ. އެ އެޕާޓްމަންޓަށް ގާތްގަނޑަކަށް ފަސް މިނެޓުގެ ތެރޭގައި ފުލުހުން އެޓެންޑުވެ، މައްސަލައިގެ ތުހުމަތުގައި ފ. ނިލަންދޫ ފިނިފެންމާގެ، އަލީ ޝާހިލް، 22، ވަނީ ސީނުން ހައްޔަރުކޮށްފަ އެވެ.

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ހައްޔަރުކުރިއިރު ޝާހިލް ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ.

ފުލުހުން ބުނީ ޝިއާއު އަށް ދީފައިވާ އަނިޔާގެ ތަފްސީލުތައް، އާއިލާގެ އެދުމުގެ މަތިން ހާމަނުކުރަން ނިންމާފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުން ވަނީ ތަހުގީގު ނިމެންދެން ޝާހިލް ބަންދުކުރަން މިއަދު އަމުރުދީފަ އެވެ. ފުލުހުން އެދިގެން ޝަރީއަތުގެ އެ މަޖްލިސް ބޭއްވީ ސިއްރުކޮށްގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.