އޭދަފުށީގައި ސޯލާ ހަކަތައިގެ ނިޒާމް ގާއިމު ކުރަން އަނެއްކާވެސް ބީލަމަށް

އޭދަފުށި ހިމެނޭގޮތަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސޯލާ ހަކަތައަށް ޚާއްސަ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދުމަށް އަނެއްކާވެސް އިއުލާނު ކޮށްފިއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މި މަސައްކަތަށް ކޮންޓްރެކްޓަރުން ޕްރީކޮލިފައި ކުރުމަށް ޖުލައި މަހުގެ ތެރޭގައި ބީލަން މަރުހަލާއެއް ކުރިއަށް ގެންގޮސްފައި ވީނަމަވެސް، އެދެވޭ ނަތީޖާއެއް ލިބިފައިނުވާ ކަމަށެވެ.

އެހެންވެ، އެ ޕްރީކޮލިފިކޭޝަން ކެންސަލްކޮށް އަލުން ވަނީ އަންނަ އޮކްޓޯބަރު މަހުގެ 27 އާ ހަމައަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ވާރލްޑް ބޭންކްގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ހިންގާ އެކްސެލެރޭޓިންގ ރިނިއުވަބަލް އެނާރޖީ އިންޓަގްރޭޝަން އެންޑް ސަސްޓައިނަބަލް އެނަރޖީ (އެރައިސް) ޕްރޮޖެކްޓުގެ ދަށުން 40 މެގަވޮޓް އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ރާއްޖޭގެ 11 އަތޮޅެއްގެ ކަނޑައެޅިފައިވާ ރަށްތަކުގައި ގާއިމު ކުރުމަށް ހަމަޖެހިފައިވެއެވެ.

އެރައިސް މަޝްރޫޢޫގެ ދަށުން ބެޓަރީ ނިޒާމު ޤާއިމުކުރެވޭ ރަށްތަކަކީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ، ގދ. ތިނަދޫ، ގއ. ވިލިނގިލި، ބ. އޭދަފުށި، ޅ. ހިންނަވަރު، ޅ. ނައިފަރު، ދ. ކުޑަހުވަދޫ، ށ. ފުނަދޫ، ލ. ފޮނަދޫ، ލ. ގަން، ލ. ހިތަދޫ، ލ. މާމެންދޫ، ލ. ކުނަހަންދޫ، ލ. މާބައިދޫ، ލ. ދަބިދޫ، ލ. މާވަށް، ލ. އިސްދޫ އަދި ލ. ކަލައިދޫ އެވެ.

ބޭރުގެ އެހީއާއެކު ހިންގާ މިފަދަ މަޝްރޫޢުތަކުގެ ބޭނުމަކީ ސަރުކާރުން ތެލަށްކުރާ ހޭދަ ކުޑަކޮށް ތިމާވެއްޓާއި ރައްޓެހިގޮތަކަށް ކަރަންޓް އުފެއްދުން ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ.

އެރައިސް މަޝްރޫޢުގެ ދަށުން 40 މެގަވޮޓް އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމުކުރުމުގެ ސަބަބުން ސޯލާ ހަކަތައިން އުފައްދާ ކަރަންޓުން އެވަގުތެއްގައި ބޭނުންކޮށް އިތުރުވާ ކަރަންޓު މި ނިޒާމުގައި ރައްކާކުރެވިގެންދާނެ އެވެ.

އަދި ވިއުގައަށް ފޯރުކުރާ އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް ޖުމުލަ %30 އަށްވުރެން މައްޗަށްދާ ހާލަތްތަކުގައި ގްރިޑް ސްޓެބިލިޓީ މައްސަލަތައް ކޮންޓްރޯލްކޮށް އާންމު ކޮށްވެސް ކަރަންޓް ކެނޑުމަށް ދިމާވާ ގިނަ ހާލަތްތަކަށް ހައްލެއް ލިބިގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.