
ބަޔޮސްފިއާ ރިޒާވުގެ ދަށުން ބ. އަތޮޅުގައި ޙިމާޔަތްކޮށްފައިވާ އިތުރު ދެ ސަރަހައްދެއް ބެލެހެއްޓުމަށް ހަދަންޖެހޭ މެނޭޖްމަންޓް ޕްލޭން ހަދައި، މިއަހަރު ނިމުގެ ކުރިން އެ ޕްލޭނަށް އަމަލުކުރަން ފަށާނެކަމަށް ބަޔޮސްފިއާ ރިޒާވް އޮފީހުން ބުނެފި އެވެ.
ބަޔޮސްފިއާ ރިޒާވުގެ ދަށުން މި އަތޮޅުގައި މިހާރުވެސް 10 ސަރަހައްދެއް ކޯ އޭރިޔާގެގޮތުގައި ކަނޑައަޅާފައިވެ އެވެ. އޭގެތެރޭގައި ހިމެނެނީ އޮޅަގިރި، ދިލަލިހާ، މެންދޫ، ހަނިފަރު، އަނގަފަރު، މަތިފަރުހުރާ، ބަތަލާ، އަދި ގޮއިދޫ ކޯރު ސަރަހައްދު ހިމެނެ އެވެ. ކޯ އޭރިއާގެ ގޮތުގައި ކަނޑައަޅަނީ ގުދުރަތީ، ސަގާފީ އަދި ތިމާވެށީގެ ގޮތުން އެންމެ މުހިއްމު އަދި އަގުބޮޑު ވަސީލަތްތައް ހިމެނޭ ތަންތަނެވެ.
އެހެން ނަމަވެސް ކޯ އޭރިއާތަކުގެ ތެރެއިން ރަނގަޅަށް މެނޭޖްމެންޓް ޕްލޭނެއް ހެދިގެން ބެލެހެއްޓެމުން އަދި އަންނަނީ ހަނިފަރު ސަރަހައްދާއި ހޯރަ އަރާ އޮޅަގިރީގެ އިތުރުން ޕިކްނިކް އޭރިއާގެ ގޮތުގައި ކަނޑައަޅާފައި އޮންނަ މެންދޫ ސަރަހައްދެވެ.
މިއަހަރު މެނޭޖްމަންޓް ޕްލޭން ހަދައިގެން ބަލަހައްޓަން ފަށާ ދެ ސަރަހައްދަނީ މިޔަރު ވިހާ އާލާވާ (ސާކް ނާސަރީ) “އަންގަފަރު” ސަރަހައްދާ “ގޮއިދޫ ކޯރު” ސަރަހައްދެވެ.

އަނގަފަރު ވަށައިގެން ވާ ސަރަހައްދުތަކާ ގުޅިފައިވާ ތިލަތަކަކީ އެންމަޑިއާ ފެހުރެހިވެސް ފެންނަ ސަރަހައްދެކެވެ. އަދި އެއީ ބ. އަތޮޅުގެ ޑައިވަރުންނަށް ވަރަށް މަގްބޫލްމަންޒިލެކެވެ.
ގޮއިދޫ ކޯރު ސަރަހައްދަކީ މިއަތޮޅުގައި އޮތް އެންމެ ޗަސްބިން އަދި އެންމެ ބޮޑު ކުޅިއެވެ. ކަނޑާ ގުޅިފައި އޮންނަ މިތަން ހިމާޔަތް ކުރީ ކުޅި ވަށައިގެން ގިނަ އަދަދަކަށް ކަނޑޫ ގަސްތަކާ ރަނޑޫ ގަސް ހުންނާތީ އެވެ.
ބަޔޮސްފިއާ ރިޒާވް އޮފީހުގެ އައުޓްރީޗް އޮފިސަރު ޝާފީ އަލީ ވިދާޅުވީ އެ ސަރަހައްދުތަކުގެ މެނޭޖްމަންޓް ޕްލޭންގެ ޑްރާފުޓްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި މިއަހަރު ނިމުމުގެ ކުރިން އެ ޕްލޭން އާންމު ކުރެވިގެންދާނެ އެވެ.
މެނޭޖްމަންޓް ޕްލޭނެއްހަދައި ހިމާޔަތްކޮށް ބަލަހައްޓަން ފެށުމުން އެތަންތަން ބޭނުން ކުރެވޭނީ “އެކްސެސް ޕާމިޓް” ނުވަތަ ބަޔޮސްފިއަރ ރިޒާވްގެ ހުއްދައާ އެކު ކޮންމެވެސް އަދަދެއްގެ ފީއެއް ދައްކައިގެންނެވެ.


