
އިންޑިއާގެ އެމިޓީ ޔުނިވާސިޓީން އިންތިޒާމުކޮށްގެން ބާއްވާ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް ދިވެހި ނޫސްވެރިންގެ ޓީމެއް އިންޑިއާ އަށް ފުރައިފި އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނީ ނޫސްވެރިންނާއި އެޑިޓަރުން ތަމްރީނުކުރުމަށް ބާއްވާ އަށް ދުވަހުގެ އެ ޕްރޮގްރާމުގައި 20 ނޫހަކުން ބައިވެރިވެފައިވާ ކަމަށެވެ.
މިޕްރޮގްރާމް އަމާޒުކުރެވިފައިވަނީ މީޑިއާ ދާއިރާގައި މަސައްކަތްކުރާ އެޑިޓަރުންނާއި ނޫސްވެރިންނަށެވެ. މިޓްރެއިނިންގެ ޕްރޮގްރާމްގެ ބައިވެރިންގެ ގޮތުގައި މި ނޫސް، އޭދަފުށި ޓައިމްސް، ވަގުތު ނޫސް، ޕަބްލިކް ސަރވިސް މީޑިއާ، ގާފު އޮންލައިން، ސަން އޮންލައިން، ތިލަދުން، ވީ މީޑިއާ، އޭއޯ ނިއުސް، އަދަދު ނޫސް، އަރި އޮންލައިން، ރާއްޖެ ޓިވީ، އާފަތިސް ނޫސް، އަވަސް އޮންލައިން، އެމްވީޓީވީ، މިހާރު ނޫސް އަދި ދެން އޮންލައިން ހިމެނޭހެން ޖުމްލަ 20 ނޫސްވެރިން ބައިވެރިވެފައިވެއެވެ.

މި ތަމްރީން ޕްރޮގްރާމްގައި ކިޔަވައިދޭ ބައިތަކުގެތެރޭގައި ޖަރނަލިޒަމް އެތިކްސް، މީޑިއާ ދާއިރާގެ މުހިންމު ގާނޫނުތައް، ނޫސްވެރިކަމުގެ ބެސްޓް ޕްރެކްޓިސް، ކޮންފްލިކްޓް ހާލަތްތަކުގައި ރިޕޯޓުކުރާނެ ގޮތް، ކުއްލި ހާލަތްތަކުގައި ރިޕޯޓުކުރުމުގައި ސުލޫކީ މިންގަނޑު، ސިޓިޒަން ޖަރނަލިޒަމް، ވީޑިއޯ ޖަރނަލިޒަމް، މޯބައިލް ރިޕޯޓިންގ، ކޮމިއުނިޓީ ބްރޯޑްކާސްޓިން، އިންވެސްޓިގޭޓިވް ޖަރނަލިޒަމް، އިންތިޚާބުތަކުގައި ރިޕޯޓުކުރާނެ ގޮތްތައް ފަދަ ނޫސްވެރިންގެ ޕްރޮފެޝަނަލް ސްކިލް ތަރައްގީކުރެވޭނެ ގޮތްތަކާއި ގުޅޭ މައުލޫމާތު ސެޝަންތައް ހިމެނޭނެ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން މައުލޫމާތު ދެއެވެ.
މީގެއިތުރުން، އިންޑިއާގެ އެކި މީޑިއާ ހައުސްތަކަށާއި ސަރުކާރުގެ އެކި މުއައްސަސާތަކަށް ބައިވެރިން ޒިޔާރަތްކޮށް އެތަންތަނުގެ އެޑިޓަރުންނާއި ނޫސްވެރިންނާ މަސްއޫލުވެރިންނާ ބައްދަލުކޮށް މައުލޫމާތާއި ތަޖުރިބާ ހޯދުމުގެ ސެޝަންތަކެއްވެސް ވަނީ ރޭވިފައެވެ.
މިއީ ދިވެހި މީޑިއާގެ މަސައްކަތްތެރިންގެ ހުނަރާއި ގާބިލްކަން އިތުރުކުރުމުގެ ގޮތުން މީޑިއާ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިންޑިއާ ސަރުކާރުގެ އައިޓެކް ޕްރޮގްރާމްގެ ދަށުން ލިބިފައިވާ ފުރުސަތެކެވެ.
