ސައްޓުގެ ހެޓްރިކާ އެކު އޭދަފުށިން ހިންނަވަރު ބަލިކޮށްފި

ހިންވަރާއި އޭދަފުށި ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ: ހިންނަވަރު ފުޓްބޯލް ޗެމްޕިއަންޝިޕް

އެސްޓީއޯ ހިންނަވަރު ޗެމްޕިއަންޝިޕްގައި ކްލަބް އޭދަފުށި ކުޅުނު ފުރަތަމަ މެޗުގައި މިއަދު ހަވީރު ހިންނަވަރު ސްޕޯޓްސް ކްލަބާ ވާދަކޮށް 5-1 އިން މޮޅުވެއްޖެ އެވެ.

މޮޅަށް ކުޅެ އޭދަފުށި ކާމިޔާބުކުރި މެޗުގައި ޖެހި ފަސް ލަނޑުގެ ތެރެއިން އިޝާން އިބްރާހީމް (ސައްޓު) ވަނީ ހެޓްރިކް ހަދައިފަ އެވެ. އޭދަފުށީގެ އަނެއް ދެ ލަނޑު ޖެހީ މިވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.

މުހައްމަދު އާތިފް (އާތީ) ގެ ކޯޗުކަމުގައި މުބާރާތަށް ނުކުތް ކްލަބް އޭދަފުށީ ޓީމުގައި ހިމެނެނީ ހުސް ރަށަށް ނިސްބަތްވާ ކުޅުންތެރިންނެވެ. ޒުވާން ޓީމަކާ އެކު ނުކުމެ ހިންނަވަރާ ދެކޮޅަށް އޭދަފުށިން މިއަދު މޮޅު ކުޅުމެއް ދެއްކި އެވެ.

ހިންނަވަރު ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން އޭދަފުށި ކުރީގައި އޮވެގެންނެވެ. 13 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ ސައްޓު އެވެ. ހުސްކޮށް ލިބުނު ބޯޅަ ކީޕަރު ކަޓުވާލުމަށް ފަހު ސައްޓު ވަނީ ހަމަޖެހިލާފައި ގޯލަށް ވައްދާލައިފަ އެވެ. މި ހާފުގައި ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ އޭދަފުށިންނެވެ. އެކަމަކު އަލީ އަޝްފާގް (ދަގަނޑޭ) އަށް ލިބޭ ބޯޅަތަކުގައި ހިންނަވަރުން ދިޔައީ ނުރައްކާ ކުރަމުންނެވެ. މި ހާފުގައި ދަގަނޑޭ ފޮނުވާލި ބޯޅައެއް ގޯލުގެ ރޮނގުމަތިން އޭދަފުށީގެ ޑިފެންޑަރު ރައްޒާން ރަޝީދު ވަނީ ދިފާއުކޮށްފަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފެށިގެން ކުރީކޮޅު ހިންންވަރުން ވަނީ ބޯޅަ ހިފަހައްޓައިގެން ގޯލެއް ޖެހޭތޯ މަސައްކަތްކޮށްފަ އެވެ. އެކަމަކު މި ހާފުގެ ފަހު ފަނަރަ މިނެޓުގައި ލިބުނު ފުރުސަތުތައް އޭދަފުށިން ވަނީ ގޯލަށް ބަދަލުކޮށްލާފަ އެވެ. މެޗުގެ 75 ވަނަ މިނެޓުގައި އޭދަފުށީގެ ދެ ވަނަ ލަނޑު ސައްޓު ޖެހީ ހަމްޕު ތަނަވަސްކޮށްދިން ފުރުސަތެއްގައި ކީޕަރު ކައިރިން ކަޓުވާލާފަ އެވެ. އޭގެ ތިން މިނެޓު ފަހުން އޭދަފުށީގެ ތިން ވަނަ ލަނޑު ޖެހީ ހަމްޕު އެވެ. އޭރިޔާ ތެރެއިން ހަމްޕު އަށް ލިބުނު ބޯޅަ ހިންނަވަރުގެ ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު ވައްދާލީ ގޯލުގެ ތިރީ ކަނަށެވެ. މެޗުގެ 87 ވަނަ މިނެޓުގައި ހަމްޕު ވަނީ އޭދަފުށީގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. އަރިމަތިން ނަގައިދިން ހުރަހަކުން ހަމްޕުއަށް ލިބުނު ބޯޅަ ގޯލުގެ ތިރީ ކަނަށް ވައްދާލީ ކައިރީގައި ހުރި ހިންނަވަރު ޑިފެންޑަރު ކައިރިން ފަސޭހަކަމާ އެކު ނައްޓާލާފަ އެވެ. މެޗުގައި ސައްޓު ހެޓްރިކް ފުރިހަމަކުރީ އިތުރު ވަގުތުގެ ދެ ވަނަ މިނެޓުގައި ޖެހި ލަނޑުންނެވެ. ހިންނަވަރުގެ ކުޅުންތެރިޔާ ކައިރިން ނައްޓާލާފައި ގޯލު އޭރިޔާ ބޭރުން ތިރިތިރިން ސައްޓު ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ކަނަށެވެ. މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކައި ސައްޓު ވަނީ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދާފަ އެވެ. މެޗުގައި ހިންނަވަރުގެ ހަމައެކަނި ގޯލު އިތުރު ވަގުތުގެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ ހުސައިން އައްފާޝް އަބޫބަކުރު އެވެ. މިއީ ކޯނަރަކުން އުފެއްދި ފުރުސަތެއްގައި އައްފާޝް ޖެހި ލަނޑެކެވެ.

މި މުބާރާތުގައި ވާދަކުރަނީ ފަސް ޓީމަކުންނެވެ. ލީގު ބުރެއް ކުޅުމަށް ފަހު ގަދަ ހަތަރު ޓީމު ވާދަކުރާނީ ސެމީ ފައިނަލުގަ އެވެ. ފުރަތަމަ ސެމީގައި އެއް ވަނަ ޓީމާ ދެ ވަނަ ޓީމު ވާދަކޮށްގެން މޮޅުވާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭނެ އެވެ. ދެ ވަނަ ސެމީގައި ވާދަކުރާނީ ލީގު ބުރުގެ ތިން ވަނަ ޓީމާ ހަތަރު ވަނަ ޓީމެވެ. މި ދެޓީމުގެ ތެރެއިން މޮޅުވާ ޓީމެއް ޖެހޭނީ ފުރަތަމަ ސެމީގައި ބަލިވި ޓީމާ ދެކޮޅަށް ތިން ވަނަ ސެމީ ފައިނަލް މެޗުގައި ކުޅޭށެވެ. ފައިނަލުގެ ފަހު ޖާގަ ލިބޭނީ ތިން ވަނަ ސެމީ ފައިނަލުން މޮޅުވާ ޓީމަކަށެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެވެ.

އޭދަފުށި ކުޅޭ ދެ ވަނަ މެޗުގައި އަންނަ އާދީއްތަ ދުވަހުގެ ހަވީރު ނުކުންނާނީ ވެލިދޫއާ ދެކޮޅަށެވެ. މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ނައިފަރަށް ނިސްބަތްވާ ދެ ޓީމު ކަމަށްވާ ބަޒޫކާ ސްޕޯޓްސް ކްލަބާއި ނައިފަރު ޗެލްސީ އެފްސީ އެވެ. ބަޒޫކާ ކުޅުނު ފުރަތަމަ މެޗު އެއްވަރުވިއިރު ނައިފަރު ޗެލްސީ ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލިވެފަ އެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.