އޭދަފުށީ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސަށް

އޭދަފުށީގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާއި ކައުންސިލާއި ރައްޔިތުން މިވަގުތު ހައްލުކުރަން ބޭނުންވާ މައްސަލަތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ، ކައުންސިލުން ހިއްސާކޮށް ހައްލު ހޯދައިދޭން މިއަދު އެދެފި އެވެ.

އޭދަފުށީ ކައުންސިލަރުންގެ އެދިވަޑައިގަތުމުގެ މަތިން ރައީސް މިއަދު މެންދުރުފަހު ވަނީ ކައުންސިލަރުންނާ ރައީސް އޮފީހުގައި ބައްދަލު ކުރައްވައިފަ އެވެ. މި ބައްދަލުކުރެއްވުމުގައި މިރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ކައުންސިލުން ހުށަހެޅީ މި ރަށުގެ ތަރައްގީ އަށް އެންމެ މުހިއްމު ކަންކަމާއި ރައްޔިތުން މިވަގުތު ހައްލުކުރަން ބޭނުންވާ މައްސަލަތަކެވެ.

އެގޮތުން ރަށުގެ ބަނދަރުގެ ދަތިކަމާއި، ރަށް ހިމާޔަތްކުރުމަށް ލާފައިވާ ރިވެޓްމަންޓް މަރާމާތުކުރަން ބޭނުންވެފައިވާކަމާއި، ރަށުގައި ބޯހިޔާވަހިކަމުގެ ފުރުޞަތުތައް އިތުރުކުރުމަށް ބޭނުންވާކަމާއި ކައުންސިލް އިދާރާގެ އިމާރާތް ދުވަސްވެ ބާވެފައި ހުރުމުން ކުރިމަތިވާ ދަތިތަކެވެ. އަދި ބ. އަތޮޅު ހޮސްޕިޓަލްގެ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް އުމުރާނީ ގޮތުން ހޮސްޕިޓަލަށް ބޭނުންވާކަންކަން ވެސް  އެ ބައްދަލުވުމުގައި ހުށަހެޅި އެވެ.

މީގެ އިތުރުން ރަށުގެ މަގުހެދުމުގެ މަސައްކަތުގައި ފުރިހަމަނުވެ ހުރި މަސައްކަތްތައް އަވަހަށް ނިންމުމާއި މިހާރު ނުހަދާހުރި މަގުތައް ތަރައްޤީކުރަން ބޭނުންވާކަމާއި އަދި ފުޓްސަލް ދަނޑުފަދަ ޒުވާނުންނާއި ރަށުގެ އިޖްތިމާޢީ ކުރިއެރުމަށް ބޭނުންވާކަންކަން ކައުންސިލު މެންބަރުން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ލިއެފައިވެ އެވެ.

ކައުންސިލަރުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފަހު، ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށްގެންދެވޭނެ ކަންކަން ބައްލަވާނެ ކަމަށާ އަދި ފާހަގަކުރެއްވި އިތުރު ކަންކަމުގައި ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.