
ކްލަބް އޭދަފުއްޓާ ދެކޮޅަށް، އޭދަފުށީ ޓާފް ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު 3-0 އިން މޮޅުވެއްޖެ އެވެ.
އެކުވެރިކަމުގެ މެޗަށް ގައުމީ ފުޓްބޯޅަ ޓީމު އޭދަފުއްޓަށް އައީ މިއަދު އެވެ. އޭދަފުއްޓަށް އައުމުން ގައުމީ ޓީމަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
މެޗުގެ ތިން ގޯލު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ލަނޑަކީ އޭދަފުށީގެ ހުސައިން ޝަރީފް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ދެ ވަނަ ލަނޑު އިބްރާހީމް ވަހީދު ހަސަން (އިއްބެ ވަހީދު) ޖެހިއިރު ފަހު ލަނޑު ޖެހީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ.
މެޗުގެ ދެ ވަނަ ހާފުގައި އޭދަފުށިން ވަނީ ގައުމީ ޓީމު ލަނޑެއް ޖެހިޔަނުދީ ހިފަހައްޓައިފަ އެވެ. މި ހާފުގައި އޭދަފުށި ބޮޑަށް އިސްކަންދިނީ ޑިފެންސަށެވެ.
ގައުމީ ސްކޮޑުގައި ތިބި އޭދަފުއްޓަށް ނިސްބަތްވާ ހަތަރު ކުޅުންތެރިންގެ ތެރެއިން ތިން ކުޅުންތެރިން މިއަދުގެ މެޗުގައި ކުޅުނެވެ. އެއީ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ހައިޝަމް ހަސަން އަދި ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އެވެ. އަނިޔާގެ ސަބަބުން އަލީ ފާސިރު (ސެންޓޭ) މިއަދުގެ މެޗުގައި ނުކުޅެ އެވެ.

ސެޕްޓެމްބަރު 19 އިން 27 އާ ދެމެދު ކުޅޭ އެކުވެރިކަމުގެ މެޗުތަކުގައި ގައުމީ ފުޓްބޯޅަ ޓީމު ނުކުންނާނީ ބްރޫނާއީ އާއި ލާއޯސްއާ ދެކޮޅަށެވެ. މި މެޗުތަކަކީ ފީފާގެ ކަލަންޑުގައި ހިމެނޭ ބައިނަލްއަގްވާމީ ދުވަސްތަކުގައި ކުޅޭ މެޗުތަކަކަށް ވުމާއެކު، މި ދެ މެޗުގެ ނަތީޖާ ފީފާ ރޭންކިންގައި ގުނާނެ އެވެ.
މިއަދުގެ މެޗަށް ފަހު ގައުމީ ޓީމު ބްރޫނާއީ އަށް ދިއުމަށް ފުރާނީ ހަފްތާ ބަންދުގަ އެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި ބްރޫނާއީއާ ދެކޮޅަށް ނުކުންނާނީ މި މަހުގެ 21 ވަނަ ދުވަހު އެވެ. ފަހު މެޗުގައި ލާއޯސްއާ ދެކޮޅަށް ކުޅޭނީ އޭގެ ތިން ދުވަސް ފަހުންނެވެ.
ރާއްޖޭން އެންމެ ފަހުން އެކުވެރިކަމުގެ މެޗެއް ކުޅުނީ މިދިޔަ މާރިޗު މަހު އެވެ. ގަލޮޅު ދަނޑުގައި ކުޅުނު އެ މެޗުގައި ބަންގްލަދޭޝްއާ ވާދަކޮށް ގައުމީ ޓީމު ވަނީ 0-2 އިން މޮޅުވެފަ އެވެ.
ގައުމީ ޓީމާ ދެކޮޅަށް ކްލަބް އޭދަފުށި ކުޅޭ މެޗަށް ފަހު އެޓީމު އަންނަ މަހު ވާދަކުރާނީ އެފްއޭއެމް ސެންޓްރަލް ޒޯންގެ ދެ ވަނަ ޑިވިޝަނުގަ އެވެ. އެ ޑިވިޝަނުގެ ގްރޫޕް އޭގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ އޭދަފުށީ ޓާފް ފުޓްބޯޅަ ދަނޑުގަ އެވެ.
