ގޯތި ދޫކުރުމުގެ ވިލަރެސް ކޮމެޓީ އަލުން އެކުލަވާލަނީ

ބ. އޭދަފުށީ ހިއްކި ބިމުން ގޯތި ދޫކުރުމަށްޓަކައި ކުރިން އެކުލަވާލި ވިލަރެސް ކޮމެޓީ އުވާލައި، އަލުން އެ ކޮމެޓީ އެކުލަވާލަން އޭދަފުށީ ކައުންސިލުން ނިންމައިފިއެވެ.

އޭދަފުށީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ، އޭދަފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު 2019 ގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތިން ގޯތި ދޫކުރުމުގެ ކަންކަން ވިލަރެސް ކުރުމަށް އެކުލަވާލާފައިވާ ކޮމެޓީ މިހާރު އުވާލާފައިވާ ކަމަށެވެ. އަދި އަލުން އެ ކޮމެޓީ އެކުލަވާލުމަށްޓަކައި ކޮމެޓީގައި އާއްމުންގެ ތެރެއިން ހިމަނަންޖެހޭ ފަސް މެންބަރުން އައްޔަން ކުރުމަށް ބޭނުންވާތީ، އާއްމުންގެ ތެރެއިން ކޮމެޓިގައި ހަރަކާތްތެރިވާން ބޭނުންވާ މެންބަރުންނަށް އެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

އޭދަފުށީ ކައުންސިލުން ބުނީ ކޮމެޓީއަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ އިތުރުވެއްޖެނަމަ ކޮމެޓީގައި މެންބަރުން ހިމެނުމުގައި ބަލާނީ ތައުލީމީ ފެންވަރާއި މިފަދަ މަސައްކަތެއްގައި އުޅެވޭނެ ގާބިލުކަންހުރި ފަރާތްތަކުގެ ތެރެއިން ކައުންސިލުން އައްޔަންކުރާ ފަސް ފަރާތަކަށް ކަމަށެވެ.

އަދި މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ވީހާވެސް ގިނަ ވަގުތު ގޯތި ދޫކުރުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތަކުގައި ހަރަކާތްތެރިވެ އުޅުމަށް ވަގުތުދެވޭ ފަރާތްތަކެއް ކަމުގައި ވާނެ ޖެހޭނެ ކަމަށްވެސް ކައުންސިލުން ބުންޏެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 30 ވަނަ ދުވަހުގެ 13:00ގެ ކުރިން ލިޔުމަކުން އެކަން އޭދަފުށީ ކައުންސިލަށް ހުށަހަޅަންޖެހެ އެވެ.

އޭދަފުށީން ގޯތި ދޫކުރުމުގެ ވިލަރެސް ކޮމެޓީ އަލުން އެކުލަވާލަން ނިންމިއިރު، މި ރަށުން ގޯތި ދޫކުރުމުގެ ކަންކަން ކޮށްފައިވަނީ ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދާ ޚިލާފަށްކަމަށް އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން މިދިޔަ މަހު ވަނީ ހުކުމްކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.