
އޭދަފުށީގައި މިހާރު ކުރިއަށްދާ މި އަހަރުގެ އޭދަފުށި ކަޕް ގެ ފައިނަލްގެ ފުރަތަމަ ޖާގަ ހުސް ސޮނގުން ހޯދައިފި އެވެ.
ހުސް ސޮނގުން ފައިނަލްގެ ޖާގަ ހޯދީ، ފުރަތަމަ ބުރުގައި އެޓީމުގެ ފަހު މެޗުގައި މިއަދު ހަވީރު އިރުމަތި އެފްސީ އާ ވާދަކޮށް 10- 0 އިން މެޗު ކާމިޔާބު ކޮށްގެންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ، މެޗުގައި ހުސް ސޮނގުންނަށް 6 ލަނޑު ޖަހައިދިން، މާޒިޔާ އާއި ގައުމީ ޓީމުގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. އިއްބެ ވަނީ މިހާތަނަށް ކުޅުނު ހަތަރު މެޗުން 8 ލަނޑު ޖަހައި، ލަނޑު ލިސްޓުގެ އެންމެ ކުރިއަށް ޖެހިލައިފަ އެވެ.
އިއްބެ ވަނީ ހުސް ސޮނގުން މި ބުރުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން 3 މެޗުގައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ.
އިއްބެގެ އިތުރުން މިއަދު ހުސް ސޮނގުންނަށް ލަނޑުތައް ޖަހައިދިނީ، މުހައްމަދު ރަފްހާން، އުނެއިސް ޒުބެއިރު، މުހައްމަދު ފަޔާޒް އަދި މިއަހަރުގެ ދެވަނަ ޑިވިޝަނުގައި ނިއު ރޭޑިއަންޓުން ފާހަގަވި ޝަމްވީލް މުހައްމަދު (ބޮންޑާ) އެވެ.
މި މޮޅާ އެކު ހުސް ސޮނގުން ފައިނަލަށް ދަތުރު ކުރީ ފުރަތަމަ ބުރުގެ ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްގެން، މި ބުރުގެ އެއްވަނަ ހޯދައިގެންނެވެ.
ދެވަނައިގައި އޮތީ ހަތަރު މެޗުން 8 ޕޮއިންޓް ހޯދާފައިވާ ވެލާ ސްޕޯޓްސް ކުލަބެވެ. ވެލާ ސްޕޯޓްސް އަށް ވަނީ ސެމީގެ ޖާގަ ޔަގީން ވެފަ އެވެ. ސެމީގެ ދެވަނަ ޖާގަ ލިބޭނީ މި ބުރުގެ ތިންވަނަ ހޯދާ ޓީމަކަށެވެ.
މި ބުރުގެ ތިންވަނަ ހޯދާ ޓީމެއް ޔަގީން ވާނީ، މާދަމާ ހަވީރު ކައްކަނީ ސްޕޯޓްސް ކުލަބާއި އެމްވީ ޔުނައިޓެޑް ބައްދަލުކުރާ މެޗަށް ފަހު އެވެ.
އެމްވީ ޔުނައިޓެޑް މިވަގުތު ތިންވަނައިގައި އޮތީ ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ވަނައިގައި އޮތް ކައްކަނީ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.
އިރުމަތި އެފްސީ ވަނީ މުބާރާތުގައި ކުޅުނު ހަތަރު މެޗުން ވެސް ބަލި ވެފަ އެވެ.
