ހައިޝަމްގެ ހެޓްރިކާ އެކު ކައްކަނީ ބަލިކޮށް އެމްވީ ޔުނައިޓެޑް ސެމީގެ ފަހު ޖާގަ ހޯދައިފި

ކައްކަނި އައި އެމްވީ ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން– ފޮޓޯ/ރަޔާން ފޮޓޯސް

އެސްޓީއޯ އޭދަފުށި ކަޕް 2022 ގެ ފުރަތަމަ ބުރުގެ ފަހު މެޗުގައިހައިޝަމް ހަސަން (ބިޑި) ގެ ހެޓްރިކާ އެކު 6-2 އިން ކައްކަނީ ސްޕޯޓްސް ކްލަބް ބަލިކޮށް، މިދިޔަ އަހަރުގެ ޗެމްޕިއަން އެމްވީ ޔުނަިޓެޑް ސެމީ ފައިނަލްގެ ފަހު ޖާގަ ހޯދައިފި އެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ކައްކަނީ ސްޕޯޓްސް އިންނެވެ. ސޯޅަ ވަނަ މިނިޓުގައި އެޓީމުން ލީޑު ނެގި ލަނޑު ޖަހައިދިނީ، ދިވެހި ޕްރިމިއާ ލީގުގެ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ކުޅޭ އަހުމަދު އައިހަމް އެވެ. ނަމަވެސް އޭގެ ހަތަރު މިނިޓު ފަހުން ލިބުނު ޕެނަލްޓީއަކުން އެމްވީ ޔުނައިޓެޑަށް ނަތީޖާ އެއްވަރު ކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.

އެމްވީ ޔުނައިޓެޑުން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގީ 35 ވަނަ މިނިޓުގައި ހައިޝަމް ހަސަން (ބިޑި) ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އަދި މި ހާފް ނިމުމުގެ ކުރިން އެމްވީ ޔުނައިޓެޑްގެ ތިންވަނަ ލަނޑު ޖަހައިދިނީ މުހައްމަދު އަބާން އަލީ އެވެ.

ދެވަނަ ހާފުގައި ވެސް ފުރަތަމަ ލަނޑު ޖެހީ ކައްކަނީ ސްޕޯޓްސް އެވެ. މެޗުގެ 59 ވަނަ މިނިޓުގައި މި ލަނޑު ޖަހައިދިނީ އީގާން އަބްދުލް މަޖީދެވެ. ނަމަވެސް އެމްވީ ޔުނައިޓެޑުން ވަނީ މެޗު ނިމުމުގެ ކުރިން ތިން ލަނޑު ޖަހައި، ތިން ޕޮއިންޓް ކަށަވަރު ކޮށްފަ އެވެ.

އެމްވީ ޔުނައިޓެޑްގެ ހަތަރު ވަނަ ލަނޑު 74 ވަނަ މިނިޓުގައި ޖަހައިދިނީ ހައިޝަމް އެވެ. އޭގެ ފަސް މިނިޓު ފަހުން މުހައްމަދު ފާސިރު (ފާއްޓޭ) އެޓީމުގެ ފަސްވަނަ ލަނޑު ޖަހައިދިން އިރު، ހައިޝަމް އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ 85 ވަނަ މިނިޓުގަ އެވެ.

މެޗުހެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ މެޗުގައި ހެޓްރިކް ހެދި ހައިޝަމް އެވެ. މި ހެޓްރިކާ އެކު ހައިޝަމް ވަނީ މި މުބާރާތުގައި 8 ލަނޑު ހަމަކޮށްފަ އެވެ. ހުސް ސޮނގުންގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) ވެސް ވަނީ މި ބުރުގައި 8 ލަނޑު ޖަހައިފަ އެވެ.

މި ނަތީޖާއާއެކު އެމްވީ ޔުނައިޓެޑް ވަނީ 7 ޕޮއިންޓާ އެކު ފުރަތަމަ ބުރުގެ ތިންވަނަ ހޯދައިފަ އެވެ. ކުޅުނު 4 މެޗުން 3 ޕޮއިންޓް ހޯދި ކައްކަނީ އަށް ލިބުނީ ހަތަރު ވަނައެވެ.

ފުރަތަމަ ބުރުގެ ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްގެން އެއްވަނަ ހޯދައި، ފައިނަލްގެ ސީދާ ޖާގައެއް ހޯދީ ހުސް ސޮނގުން ފުޓުބޯޅަ ޓީމެވެ.

އަންނަ އަންގާރަ ދުވަހު ކުޅޭ ސެމީ ފައިނަލް ގައި އެމްވީ ޔުނައިޓެޑް ބައްދަލުކުރާނީ، 8 ޕޮއިންޓާ އެކު ދެވަނަ ހޯދި ވެލާ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.

އެމްވީ ޔުނައިޓެޑާއި ވެލާ ސްޕޯޓްސް އަކީ މިދިޔަ އަހަރުގެ ފައިނަލްގައި ކުޅުނު ދެ ޓީމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.