މިއަދު ވެސް ހައިޝަމްގެ ހެޓްރިކެއް، ވެލާ ސްޕޯޓްސް ބަލިކޮށް އެމްވީ ޔުނައިޓެޑް ފައިނަލަށް

ސެމީ ފައިނަލް ގައި ވެލާ ސްޕޯޓްސް ކްލަބާ ވާދަކޮށް، 6-3 އިން މެޗް ކާމިޔާބު ކޮށްގެން އެންމެ ފަހުގެ ޗެމްޕިއަން އެމްވީ ޔުނައިޓެޑް “އޭދަފުށި ކަޕް 2022” ގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް މެޗުގެ ފުރަތަމަ ހާފު ނިމުނީ ވެލާ ސްޕޯޓްސް ކުރީގައި އޮވެގެންނެވެ. ހުސެއިން ޝަރީފް (މުޑާ) މެޗުގެ ދެވަނަ މިނިޓުގައި ވެލާ ސްޕޯޓްސް އަށް ލީޑު ނަގައިދިން އިރު، އެމްވީ ޔުނައިޓެޑުން އެއްވަރު ކުރި އެވެ. މެޗުގެ 27 ވަނަ މިނިޓުގައި އެމްވީ ޔުނައިޓެޑުން އެއްވަރުކުރި ލަނޑު ޖަހައިދިނީ އަހުމަދު އައިހަމް (އައިހު) އެވެ.. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެލާ ސްޕޯޓްސް އަށް އަލުން ލީޑ ހޯދައިދިނީ ޑިފެންޑަރު ރައްޒާން ރަޝީދެވެ.

ދެވަނަ ހާފްގައި އެމްވީ ޔުނައިޓެޑު ފެނުނީ ތަފާތު ކޮށެވެ. ހާފު ފެށިގެން ހަތަރު ވަނަ މިނިޓުގައި މުއާޒް އަލީ (މުއައްޓެ) އެމްވީ ޔުނައިޓެޑަށް ނަތީޖާ އެއްވަރު ކޮށްދިން އިރު، އޭގެ ތިން މިނިޓް ފަހުން އެމްވީ ޔުނައިޓެޑަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ މިއަދުގެ މެޗުގައި ވެސް ހެޓްރިކް ހެދި ހައިޝަމް ހަސަން (ބިޑި) އެވެ. ހައިޝަމް އޭނާގެ ދެވަނަ ލަނޑު ޖެހީ 60 ވަނަ މިނިޓުގަ އެވެ. އަދި އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ 63 ވަނަ މިނިޓުގައި ޖެހި ލަނޑުންނެވެ.

މިއީ ހައިޝަމް މި މުބާރާތުގައި ޖެހި 11 ވަނަ ލަނޑެވެ. އަދި ހެޓްރިކް ހެދި ތިންވަނަ މެޗެވެ. އޭނާ ވަނީ ފުރަތަމަ ބުރުގައި އިރުމަތި އެފްސީ އާއި ކައްކަނީ ސްޕޯޓްސް ކޮޅަށް ވެސް ހެޓްރިކް ހަދައިފަ އެވެ.

އެމްވީ ޔުނައިޓެޑްގެ ހަވަނަ ލަނޑު ޖަހައިދިނީ ހަސަން ނަޒީމް (ޗޯޓު) އެވެ. ވެލާ ސްޕޯޓްސްގެ ތިންވަނަ ލަނޑު، މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ އަހުމަދު ނިޒާމް (ކިތުނާ) އެވެ.

އެމްވީ ޔުނައިޓެޑާއި ވެލާ ސްޕޯޓްސް އަކީ މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ވާދަކުރި ދެ ޓީމެވެ. އެމްވީ ޔުނައިޓެޑުން މިދިޔަ އަހަރު ފައިނަލްގައި ވެލާ ބަލިކުރީ 3-2 އިންނެވެ. ނަމަވެސް މި އަހަރުގެ މުބާރާތުގެ ފުރަތަމަ ބުރުގައި މި ދެޓީމު ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.

ފައިނަލް ގައި އެމްވީ ޔުނައިޓެޑް ބައްދަލުކުރާނީ، މުބާރާތުގެ ފުރަތަމަ ބުރުގައި އެއްވަނަ ހޯދި ހުސް ސޮނގުން ފުޓުބޯޅަ ޓީމާ ދެކޮޅަށެވެ. ފައިނަލް މެޗު އޮންނާނީ އޮކްޓޫބަރު 28 ވާ ހުކުރު ދުވަހުގެ ހަވީރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.