
ފައިނަލް ގައި ފަހަތުން އަރައި 4-1 އިން ހުސް ސޮނގުން ފުޓުބޯޅަ ޓީމް ބަލިކޮށް އެމްވީ ޔުނައިޓެޑުން “އޭދަފުށި ކަޕް 2022” ގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު އިޓަލީގެ ފްރެންސެސްކޯ މޮރިއޭރޯ ކުޅިބަލަން އިން މި މެޗުގެ ދެވަނަ ހާފު ފެށިގެން މިނިޓެއް ތެރޭ ހުސް ސޮނގުން ޓީމުން ލީޑު ނެގީ އެޓީމުގެ މުހައްމަދު އަޖުފާން ޖަހައިދިން ލަނޑުންނެވެ. އޭނާ މި ލަނޑު ޖެހީ އެޓީމަށް ކުޅޭ، ގައުމީ ފުޓުބޯޅަ ޓީމުގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) ނަގައިދިން ހިލޭޖެހުމެއްގަ އެވެ.
އެހެން ނަމަވެސް ފުރަތަމަ ޑިވިޝަނާއި ގައުމީ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިންތަކަކާ އެކު ކުޅުނު އެމްވީ ޔުނައިޓެޑުން ވަނީ ފަހަތުން އަރައި ހަތަރު ލަނޑު ޖަހައިގެން މެޗު ކާމިޔާބު ކޮށްފަ އެވެ. މުބާރާތުގައި 13 ލަނޑު ޖަހައިގެން ރަން ބޫޓު ހާސިލް ކުރި ހައިޝަމް ހަސަން (ބިޑި) ވަނީ ދެ ގޯލު ޖަހައިފަ އެވެ.
އެމްވީ ޔުނައިޓެޑުން ނަތީޖާ އެއްވަރުކުރި ލަނޑު 49 ވަނަ މިނިޓުގައި އުފެއްދި ކައުންޓާ އެޓޭކެއްގަ އެވެ. މުހައްމަދު ފާސިރު (ފާއްޓޭ) ހުރަސްކޮށްލި ބޯޅައަކުން މި ލަނޑު ޖަހައިދިނީ ގައުމީ ޓީމާއި ކްލަބް ގްރީން ސްޓްރީޓްސްގެ ފޯވާޑް ހަސަން ނަޒީމް (ޗޯޓު) އެވެ. އަދި 57 ވަނަ މިނިޓުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން އެޓީމަށް ލީޑު ނަގައިދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.
ހައިޝަމް މި މެޗުގައި އޭނާގެ ފުރަތަމަ ލަނޑު ޖެހީ 71 ވަނަ މިނިޓުގައި ރީބައުންސްވި ބޯޅައަކުންނެވެ. ފާސިރު ފޮނުވާލި ހަމަލާ ކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު ހައިޝަމް ވަނީ ވަރަށް ރަނގަޅަށް ފުރުސަތުގެ ބޭނުން ކޮށްފަ އެވެ. އޭނާގެ ދެވަނަ ލަނޑު، މެޗުގެ އިތުރު ވަގުތުގައި ޖެހީ އޭރިއާ ބޭރުން ލިބުނު ބޯޅައެއް ގޯލް ކީޕަރު ބޯ މަތިން ގޯލަށް އޮއްސާލައިގެންނެވެ.
އެމްވީ ޔުނައިޓެޑަކީ މިދިޔަ އަހަރު ވެސް އޭދަފުށި ކަޕް ކާމިޔާބު ކުރި ޓީމެވެ. މިދިޔަ އަހަރު މުބާރާޓް ކާމިޔާބު ކުރީ ފައިނަލް ގައި ވެލާ ސްޕޯޓްސް ކްލަބް ބަލި ކޮށްފަ އެވެ.
