މާޅޮހުގެ އިހުތިސާސްގެ ތެރޭގައި ހިބަޅިދޫ ހިމަނައިދޭން އެދިއްޖެ

ބ. މާޅޮހުގެ އިހުތިސާސްގެ ތެރޭގައި އެ ރަށާ ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ހިބަޅިދޫ ހަމަޖައްސައިދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހުށަހަޅައިފި އެވެ.

މާޅޮހު ކައުންސިލްގެ ހުށަހެޅުން ރައީސް ސޯލިހަށް ހުށަހެޅީ ރައީސް އޮފީހުގައި މިއަދު މެންދުރުފަހު އެމަނިކުފާނާ އެކު މާޅޮހު ކައުންސިލަރުންނާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.

މި ބައްދަލުވުމުގައި މާޅޮހު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ވެސް ވަނީ ހިބަޅިދޫ މާޅޮހު ކައުންސިލްގެ އިޙްތިޞާޞްގައި ހިމަނައިދެއްވުމަށް އެދި ރައީސް އަރިހުގައި ދަންނަވާފައެވެ.

ހިބަޅިދޫއަކީ ބިޒްނަސް މޯލްޑިވްސް އަށް ދީފައި އޮތް ރަށެކެވެ. އެމްއެެމްޕީއާރްސީން އެ ރަށް 50 އަހަަރަށް އެ ކުންފުންޏަށް ކުއްޔަށް ދީފައިވީ ނަމަވެސް އެ ރަށް މިހާރު ވަނީ އަތުލާފަ އެވެ. އެއީ ދައުލަތަށް ދައްކަން ޖެހޭ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ތިން މިލިއަން ޑޮލަރު ނުދައްކާ އޮތުމުންނެވެ. މިރަށް މިހާރު އޮންނަނީ ބ. އަތޮޅު ކައުންސިލުގެ ބެލުމުގެ ދަށުގަ އެވެ.

މީގެ އިތުރުން މިބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ރަށުގެ ތަރައްގީއަށް އެންމެ މުހިއްމު ކަންކަމާ ގުޅޭގޮތުން ރައީސް ސޯލިހާ މަޝްވަރާކުރައްވާފަ އެވެ.

އެގޮތުން، ރަށުގެ ބަނދަރުގެ ދަތިކަން ފާހަގަކުރައްވައި ކައުންސިލުން ވަނީ އެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށް ރައްޔިތުން އެދޭކަން ފާހަގަކުރައްވާފައެވެ. އަދި ބަނދަރާއެކީ ރަށްގިރުމުގެ މައްސަލައާއި ދޯނި ފަހަރު އެހެލުމަށް ބޭނުންވާ ސަރަޙައްދެއް ހަމަޖައްސައިދިނުމަށާއި އެރަށު މިސްކިތުގެ ޖާގަ ކުޑަވުމުން ދިމާވާ ދަތިތަކާއި، ދީނީ ޕްރޮގްރާމްތައް ހިންގުމަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާކަމަށާއި އަދި ކުޅިވަރު ކުޅޭނެ ވަޞީލަތްތައް ބޭނުންވާކަން ރައީސްގެ ސަމާލުކަމަށް ގެންނަވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި މާޅޮހު ކައުންސިލް މެންބަރުން ވަނީ މީގެ ކުރިން ރައީސުލްޖުމްހުރިއްޔާ ވަޢުދުވެވަޑައިގެންނެވި ގޮތަށް މާޅޮހުގައި ފެނާ ނަރުދަމާގެ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢު ފަށައިގެން މިހާރު ކުރިޔަށްދާކަމަށާއި، ފާއިތުވި ސަރުކާރުތަކުން ކުދި ރަށްތަކުގެ ތަރައްޤީ ވަރަށް ބޮޑަށް ދޫކޮށްލާފައިވީ ނަމަވެސް މި ސަރުކާރުން ކުދި ރަށްތަކަށް ވެސް ތަރައްޤީ ގެނައުމަށް މަސައްކަތް ކުރައްވަމުންދާކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މާޅޮހުގެ ތަރައްޤީއާ ގުޅޭ މަޝްރޫޢުތަކުގެ ފަހުގެ މައުލޫމާތުތައް ކައުންސިލާ ޙިއްޞާ ކުރައްވާފައެވެ. އަދި، ކައުންސިލާއި އ.ތ.މ. ކޮމިޓީއިން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެދެވޭ ޙައްލުތަކެއް ހޯދުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.