
މީގެ އަހަރު ދުވަސް ކުރިން ޓީއޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކުރި ނަމަވެސް، މަސައްކަތްހުއްޓިފައިވާ ބ. އޭދަފުށީ ފެރީ ޓާމިނަލްގެ ނުނިމިހުރި މަސައްކަތްތައް ނިންމަން 4.4 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފި އެވެ.
އޭދަފުށީ ކައުންސިލުގައި މިދިޔަ ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި މސައްކަތް ހަވާލުކުރީ ނޯތް ވެސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށެވެ.
އޭދަފުށީ ބަނދަރުގެ ހުޅަނގު ޖެޓީ ސަރަހައްދުގައި ފެރީ ޓާމިނަލް ތަރައްގީކުރަން ނިންމާފައި ވަނީ ދެ ބުރީގެ އިމާރާތަކާ އެކުގަ އެވެ. އެތަނުގެ ތިރީބައި ޚާއްސަ ކޮށްފައިވަނީ މީހުން މަޑުކޮށްލައިގެން ތިބުމަށާއި ފިހާރަ ހިންގަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްގެންނެވެ. އަދި ޓާމިނަލުގެ މަތި ޚާއްސަ ކޮށްފައިވަނީ ވިޔަފާރި އުސޫލުން ކެފޭ ނުވަތަ ރެސްޓޯރަންޓް ހިންގުމަށް ކުއްޔަށް ދިނުމަށެވެ.
މި މަސައްކަތް ނިންމަން އެ ކުންފުންޏަށް ދިނީ ހަ މަސްދުވަހުގެ މުއްދަތެކެވެ.
ފެރީ ޓާމިނަލުގެ މަސައްކަތް އެންމެ ފުރަތަމަ 3.8 މިލިއަން ރުފިޔާއަށް ޓީއޭ ކޮންސްޓްރަކްޝަން އާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. ނަމަވެސް އެކި ސަބަބުތަކާހެދި މަސައްކަތް ހުއްޓި ގިނަ ދުވަސްތަކެއް ވީފަހުން އެ ކުންފުންޏާއެކު ހަދާފައިވާ އެގްރީމެންޓް އޭދަފުށީ ކައުންސިލުން ވަނީ ބާތިލުކޮށްފަ އެވެ. އޭރު އެ އިމާރާތުގެ ތަނބުތައް ޖަހައި ޝީޓް އަޅައި ވަނީ ނިމިފަ އެވެ. އެކަމަކު ތަން ރޭނުމާއި މަތީ ބެރިތަކާއި ފުރާޅުގެ މަސައްކަތްތަކެއް ކޮށްފައެއް ނުވެއެވެ.