
ބ. އޭދަފުށީ ހިއްކި ބިމުން ގޯތި ދޫކުރުމަށްޓަކައި ކުރިން އެކުލަވާލި ވިލަރެސް ކޮމެޓީ އުވާލައި، އަލުން އެ ކޮމެޓީ މެންބަރުން އައްޔަންކޮށްފި އެވެ.
އޭދަފުށީން ގޯތި ދޫކުރުމުގެ ވިލަރެސް ކޮމެޓީ އަލުން އެކުލަވާލީ މި ރަށުން ގޯތި ދޫކުރުމުގެ ކަންކަން ކޮށްފައިވަނީ ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދާ ޚިލާފަށްކަމަށް އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމްކުރުމާ ގުޅިގެންނެވެ.
މިކޮމެޓީއަށް އަލުން މެންބަރުން އައްޔަންކުރީ އާއްމުންގެ ފަރާތުން ކޮމިޓީގެ މެންބަރުކަމަށް އެދޭ ފަރާތްތަކަށް އާއްމުކޮށް ފުރުސަތު ހުޅުވާލުމަށްފަހު، އެކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން އޭދަފުށީ ކައުންސިލުން ފާސްކުރި ފަސް ނަމުގެ މައްޗަށެވެ.
އާއްމުންގެ ފަސް މެންބަރުންގެ އިތުރުން މިކޮމެޓީގައި ދެން ހިމެނެނީ ކައުންސިލަރުންނާއި ކައުންސިލުގެ ވަގުތީ ސެކްރެޓަރީ ޖެނެރަލް މަމްނޫނާ އަބްދުﷲ އެވެ.
އާއްމުންގެ ތެރެއިން ވިލަރެސް ކޮމެޓީއަށް އައްޔަންކޮށްފައިވަނީ އުތުރުގޭ މޫސާ ފާއިޒު، މަގޫމާގޭ ސިދުގީ އަބްދުﷲ، ހަނދުވަރު އަބްދުލްވާހިދު ހުސައިންގެ އިތުރުން އުތުރުގެ އާގެ ރިފާއު ޔޫސުފް އަދި އުޑުވިލާގޭ އަލީ އަޝްރަފެވެ.
ދިރިއުޅުމަށް ބަންޑާރަ ގޯތީގެ ގޮތުގައި އޭދަފުށީގެ ހިއްކިބިމުން 1400 އަކަފޫޓުގެ 158 ގޯތި ދޫކުރަން ވަނީ ނިންމަވާފައެވެ.
ބިން ފުރި ތޮއްޖެހިފައިވާ އޭދަފުށީގެ ފަޅުހިއްކައި ރަށުގެ ބޮޑުމިން 31 ހެކްޓަރުން 56 ހެކްޓަރަށް ބޮޑުކުރީ 2014 ވަނައަހަރު އެވެ. އެ ބިމުގައި 100 ހައުސިންގް ޔުނިޓް އެޅުމަށް ރައީސް ޔާމީނުގެ ވެރިކަމުގައި ދެއަހަރެއްގެ މަތިން ބަޖެޓްވެސް ކުރިއެވެ. އެހެން ނަމަވެސް އޭގެ ފަހުން އިތުރު މަރުހަލާ އަކަށް އެ މަސައްކަތް ވެސް ގޮސްފައެއް ނުވެ އެވެ.


