އުޅަނދުފަހަރުގެ އަހަރީ ފީ ދެން ލިބޭނީ ކައުންސިލްތަކަށް

އޭދަފުށީ ބަނދަރު މަތިން ސައިކަލް ގަިއ ބަޔަކު ދުއްވާފައި ދަނީ– އީޓީ ފައިލް ފޮޓޯ/ޔާނިއު

އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ އަހަރީ ފީގެ ގޮތުގައި ދައްކާ ފައިސާ ކައުންސިލްތަކަށް ލިބޭ އުސޫލަށް އަމަލުކުރަން ފަށައިފިއެވެ.   

ކުރިން އެ ފައިސާ ބަލައިގަންނަމުން ދިޔައީ މޯލްޑިވްސް އިންލެންޑު ރިވެނިއު އޮތޯރިޓީ މެދުވެރިކޮށް ނަމަވެސް، ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން އެފައިސާ ކައުންސިލްތަކަށް ލިބޭ ގޮތަށް ފިނޭންސް މިނިސްޓްރީން އުސޫލް ބަދަލު ކުރީ މިދިޔަ ޑިސެމްބަރު މަހުއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއިކުރައްވާ ޑިސެމްބަރު ފަސް ވަނަ ދުވަހު ނެރުނު މާލިއްޔަތާ ބެހޭ ސާކިއުލާއެއްގައިވާ ގޮތުން ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން އެއްގަމާއި ކަނޑުއުޅަނދުގެ އަހަރީ ފީ ބަލައިގަންނާނީ ޓްރާންސްޕޯޓް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ސިސްޓަމް “ސަވާރީޕޭ” މެދުވެރިކޮށް އެ ފީ ނިސްބަތްވާ ކައުންސިލަކުންނެވެ.

މި ޕޯޓަލް މެދުވެރިކޮށް ވެހިކަލްތަކުގެ ޓުރެފިކް އަދި ޕާކިން ޖޫރިމަނާ ފައިސާއާއި، އެއްގަމާއި ކަނޑު އުޅަނދުތަކުގެ ފީ ވެސް ދެއްކޭނެއެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ޑިސެމްބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ބަނޑޭރި ޕޭ އާ ގުޅުވާލާފައިވާ ކައުންސިލްތަކުގެ ބޭންކް އެކައުންޓްތަކަށް އެ ފީ ޖަމާކުރެވޭނީ ޖެނުއަރީ ފުރަތަމަ ދުވަހުން ފެށިގެން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގާ ގޮތަށެވެ.

މި މުއްދަތުގެ ނިޔަލަށް އެއްވެސް ކައުންސިލެއްގެ ބޭންކް އެކައުންޓް ބަނޑޭރި ޕޭއާ ގުޅާލާފައިނުވާނަމަ އެ ކައުންސިލަކަށް ނިސްބަތްވާ ފީ ޖަމާވާނީ ޕަބްލިކް ބޭންކް އެކައުންޓަށް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.