1200 ޓަނުގެ ކުނި ބޭރުކުރީ ކައުންސިލުން ހަ ލައްކަ ރުފިޔާ ޚަރަދުކޮށްގެން

ވެމްކޯ އިން އޭދަފުށީގައި ހުރި ކުނިތައް ނައްތާލުމުގެ މަސައްކަތް ކުރަނީ

ބ. އޭދަފުށީގައި އެކި ދުވަސްމަތިން ޖަމާކޮށްފައިވާ ކުނިތައް ވެމްކޯގެ އެހީތެރިކަމާއެކު ނައްތާލީ ގާތްގަޑަކަށް ހަ ލައްކައެއްހާ ރުފިޔާ ޚަރަދުކޮށްގެން ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ފާތިޙް ވިދާޅުވީ ގޮތުގައި މީގެ ފަސް ވަރަކަށް އަހަރުން ފެށިގެން އެކި ދުވަސްމަތިން ކުނި ކޮށި ހިމެނޭ ސަރަހައްދަށް ޖަމާކޮށްފައިހުރި މި ކުނީގެ ސަބަބުން އެކި މައްސަލަތައް ކުރިމަތިވަމުންދާ ކަމަށެވެ.

އެހެންވެ މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކައުންސިލްގެ ބަޖެޓުން ގާތްގަނޑަކަށް 6 ލައްކަ ރުފިޔާ ޚަރަދުކޮށްގެން ވެމްކޯގެ އެހީތެރިކަމާއެކު އެ ކުނިފުނި ސާފުކޮށް މިހާރު ރަށުން ބޭރުކޮށްފައިވާކަމަށް ކައުންސިލުން ބުންޏެވެ.

ވެމްކޯއިން ބުނީ އޭދަފުށީ ކައުންސިލްގެ އެދުމުގެ މަތިން އެ ކޯޕަރޭޝަނުގެ ޓީމުން މިދިޔަ ހަފްތާއެއްހާ ދުވަހު ކުރި މަސައްކަތުން އޭދަފުށީ ކުނިގޮނޑު ސާފުކޮށްފައިވާ ކަމަށެވެ. އެ ކުނި ގޮނޑުން 1200 ޓަނުގެ ކުނި ބޭރުކޮށްފައިވާ ކަމަށް ވެސް ވެމްކޯ އިން ބުންޏެވެ.

ދުވަސްވީ ކުނި ފުނި ސާފުކޮށް ކުނިތައް ރަށުން ބޭރުކޮށްފައި ވީނަމަވެސް އަދިވެސް ކުނީގެ ގޮތުގައި އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ދަގަނޑުގެ ބާވަތްތައް އެބަހުއްޓެވެ.  

ކައުންސިލުން ބުނީ އެތަކެތި ބޭރުކުރެވޭނެ މާލީ ގާބިލުކަން މިވަގުތު ކައުންސިލްގައި ނެތްކަމަށާއި ނަމަވެސް ކައިރި ރިސޯޓުތަކުގެ އެހީއާއެކު އެ ތަކެތި ވެސް ނައްތާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.