
ބ. އަތޮޅު ކައުންސިލު އިދާރާގައި ލޭބާ ރިލޭޝަންސް އޮތޯރިޓީގެ ޑެސްކެއް ގާއިމުކޮށް، ހިދުމަތް ދޭން ފަށައިފި އެވެ.
ބ. އަތޮޅު ކައުންސިލުން ބުނީ ލޭބާ ރިލޭޝަންސް އޮތޯރިޓީގެ ޑެސްކެއް މިދިޔަ އާދީއްތަ ދުވަހު އެ އިދާރާގައި ގާއިމުކޮށް ހިދުމަތްދޭން ފަށާފައިވާ ކަމަށެވެ.
ބ. އަތޮޅު ކައުންސިލުގެ އެހީތެރިކަމާއެކު ގާއިމުކުރި މި ޑެސްކުން ވަޒީފާއާ ބެހޭ ގާނޫނަށް އަމަލުކުރާ މިންވަރު ބެލުމަށް ވަޒީފާދީގެން މުވައްޒަފުން ގެންގުޅޭ ތަންތަން އިންސްޕެކްޓް ކޮށް، ވަޒީފާ އާއި ގުޅޭ ގާނުނީ ލަފަ އާއި މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް އަތޮޅު ކައުންސިލުން ބުންޏެވެ.
މީގެ އިތުރުން މި ޑެސްކުން ވަޒީފާ އާ ގުޅޭގޮތުން ލިބޭ ޝަކުވާތަކުގެ ތަހުގީގުތައް ހިންގާނެ ކަމަށް ވެސް އަތޮޅު ކައުންސިލުން ބުންޏެވެ.
މީގެ ކުރިން މިފަދަ މައްސަލައެއް ހުށައަޅަފިނަމަ އެ ތަނަކަށް ނުވަތަ އެ މައްސަލައަކަށް ހާޒިރުވާންޖެހެނީ މާލޭގައި ހުންނަ ލޭބާ ރިލޭޝަން އޮތޯރިޓީގެ މައި އިދާރާއިންނެވެ. ނަމަވެސް އަތޮޅު ތެރޭގައި ގޮފިތައް ގާއިމްކުރުމުން އަތޮޅުތެރެއަށް ހުށައެޅޭ މައްސަލަ ތައް ބަލާނީ އެ އަތޮޅެއްގައި ޤާއިމްވެފައި ހުންނަ ލޭބާ ރިލޭޝަން ޑެސްކުންނެވެ.
ވަޒީފާއާބެހޭ ބޮޑެތި މައްސަލަތައް ހުށަހެޅޭ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަނީ އިތުރުވަމުންނެވެ. އެހެން ކަމުން ސަރުކާރުގެ ސިޔާސަތާ އެއްގޮތައް މި ފަދަ ގޮފިތަކެއް އަތޮޅުތެރޭގައި ގާއިމްކޮށް ޚިދުމަތް ދޭން ފެށުމުން ޚިދުމަތް އަވަސްވުމާއި މައްސަލަތައް ހުށައެޅުމަށް ފަސޭހަވެގެން ދާނެއެވެ.