
ބީއެމްއެލުން އއ. މަތިވެރީގައި ސެލްފް ސާވިސް ސެންޓަރެއް ހުޅުވައިފި އެވެ.
މިއީ ބީއެމްއެލުން އަތޮޅުތެރޭގައި ކުރަމުން އަންނަ އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން ހުޅުވި ސެންޓަރެކެވެ. މި ސެންޓަރާއެކު މިވަގުތު އެ އަތޮޅު ރަސްދޫގައި ބްރާންޗެއްގެ އިތުރުން ތޮއްޑޫ، އުކުޅަސް އަދި މަތިވެރީގައި ސެލްފް ސަރވިސް އޭޓީއެމް ސެންޓަރުތައް ގާއިމްކޮށް ދަނީ ހިދުމަތްދެމުންނެވެ.
މި ސެންޓަރު މެދުވެރިކޮށް، ވިޔަފާރިވެރިންނަށާއި އާއްމު ފަރުދުންނަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމާއި ފައިސާ ދެއްކުމުގެ އިތުރުން ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ އެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ އަލަށް މި ހުޅުވުނު ސެލްފް ސާވިސް ބޭންކިންގ ސެންޓަރ މެދުވެރިކޮށް މަތިވެރި ރައްޔިތުންނަށް އެހީތެރިކަން ފޯރިކޮށްދެވޭކަމީ ލިބޭ އުފަލެއް ކަމަށެވެ.
“މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އެންމެ ކައިރީ ބްރާންޗަށް ދަތުރުނުކޮށް ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ލިބިގެންދާނެ. އެންމެ ބޮޑު ބޭންކިންގ ވިއުގަ އާއެކު މިހާރު މުޅި ރާއްޖޭގައި އަޅުގަނޑުމެންގެ 140 އޭޓީއެމް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދެވޭކަމަކީ އަޅުގަނޑުމެން ފަހަރުވެރިވާ ކަމެއް.”
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 83 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 141 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކ ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.