
ބ. އޭދަފުށީގެ ކޮންމެ ގެއަކަށް ރޯދަ ހަދިޔާއެއްގެ ގޮތުގައި ތިރީސް ކާށި ދިނުމަށް މިރަށު ކައުންސިލުން ނިންމައިފި އެވެ.
ކައުންސިލުގެ ނައިބު ރައީސް އަލީ ޝަފީގު ވިދާޅުވީ ރޯދަ މަސް ފެށެން ކައިރިވެފައި ވާއިރު ރަށު ކައުންސިލުން ކޮންމެ ގެ އަކަށް 30 ކާށި ދޭން ނިންމީ ރައްޔިތުންގެ ޖީބަށް ކޮންމެވެސް ވަރެއްގެ ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.

އެގޮތުން ކުނި އުކުމުގެ ރަޖިސްޓަރީ އޮތް ކޮންމެ ގެއަކަށް ކާށި ދޫކުރަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ކައުންސިލުން ކަނޑައަޅާފައި ވަނީ ރޯދަމަސް ފެށުމުގެ ކުރިން ކާށި ބަހައި ނިންމުމަށެވެ.

އޭދަފުށީ ކައުންސިލުން ރައްޔިތުންނަށް ދިނުމަށް ކާށި ހޯދާފައިވަނީ އޭދަފުއްޓާއި ޖެހިގެން ދެކުނުން އޮންނަ މާއްޑޫންނެވެ.
މިއަހަރުގެ ރޯދައަށް ޚާއްސަކޮށް ރަށު ކައުންސިލުން ރޯދަ ހަދިޔާގެ ގޮތުގައި ކާށި ދިން ނަމަވެސް އާއްމު މަސްމަހުގައި ވެސް އޭދަފުށީ ރައްޔިތުންނަށް ބޭނުންވާ ވަރަށް މާއްޑުން ކާށި ހޮވައިގެން ގެނެސް ހެޔޮ އަގެއްގައި ވިއްކަމުން ގެންދެ އެވެ.

