
ރައްޔިތުންނާ ބައްދަލުކުރަން އޭދަފުށީ ކައުންސިލުން މާދަމާރޭ ބާއްވަން ހަމަޖައްސާފައި އޮތް ބައްދަލުވުން، މިމަހުގެ 24 ވަނަ ދުވަހުރޭ ބާއްވާގޮތަށް ފަސްކޮށްފި އެވެ.
މި ބައްދަލުވުމަކީ ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ކައުންސިލުތަކުން އަހަރަކު ދެފަހަރު ރައްޔިތުންނާ ބައްދަލުކުރުމަށް ލާޒިމުކުރެވިފައިވާ ބައްދަލުވުގެ ތެރެއިން މިއަހަރު ބާއްވާ ފުރަތަމަ ބައްދަލުވުމެވެ.
ކައުންސިލުން ބުނި ގޮތުގައި މި ބައްދަލުވުން ދެން އޮންނާނީ މިމަހުގެ 24 ވާ ހުކުރު ދުވަހުގެ ރޭ 21:00 ގައި މަލްޓިޕާޕަސް ހޯލްގައެވެ.
މި ބައްދަލުވުމުގައި ރަށުގެ ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ކައުންސިލުން އެދެ އެވެ.
ނަމަވެސް ކައުންސިލަށް ލާމަރުކަޒީ ގާނޫނުން ލާޒިމުކޮށްގެން ބާއްވާ މިފަދަ ބައްދަލުވުންތަކަށް ރައްޔިތުންގެ ފަރާތުން މާ ބޮޑު ތަރުހީބެއް ނުލިބޭކަން ފާހަގަކުރެވެ އެވެ. އެފަދަ ބައްދަލުވުންތަކަށް އަބަދު ވެސް ހާޒިރު ވަނީ ނިސްބަތުން ވަރަށް މަދު އަދަދެއްގެ ބައެކެވެ.

