
ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި 86 ބޭފުޅަކަށް ގައުމީ އިނާމު ދެއްވިއިރު، އޭގެ ތެރޭގައި ބ. އަޅުގެ ހަ ބޭފުޅުން ހިމެނިވަޑައިގެންފި އެވެ.
އެބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަން ދެއްވީ ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް 2022 ވަނަ އަހަރު ނަން ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން އިނާމު ދެއްވުމަށް ކަނޑައެޅުއްވި ބޭފުޅުންނަށް އިނާމު ދެއްވުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގަ އެވެ.
ރޭ އިނާމު ލިބިވަޑައިގެންނެވި ބ. އަތޮޅަށް ނިސްބަތްވާ ބޭފުޅުން
- އަބްދުއްސައްތާޜު އަލީ، ހަތިހާ، ބ. އޭދަފުށި (ޚިދުމަތުގައި 46 އަހަރު)
- ޔޫސުފް އަބްދުއްރަހްމާން، މީނާޒް، ބ. މާޅޮސް (ޚިދުމަތުގައި 46 އަހަރު)
- އަބްދުﷲ ވަހީދު، ދަނޑިރަތްމާގެ، ބ. އޭދަފުށީ (ޚިދުމަތުގައި 42 އަހަރު)
- އަޙްމަދު ޝަރީފް، ޑޯރެންސީވިލާ، ބ. ކިހާދޫ (ޚިދުމަތުގައި 40 އަހަރު)
- މުހައްމަދު ލަތީފް، ދޭލިޔާގެ، ބ. އޭދަފުށި (ޚިދުމަތުގައި 37 އަހަރު)
- އަބްދުލްއަޒީޒު އަހްމަދު، ބަށީމާގެ، ބ. އޭދަފުށި (ޚިދުމަތުގައި 36 އަހަރު)
މިއީ ދިވެހި ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ގާބިލުކަމާއި، އިހްލާސްތެރިކަމާއެކު ކުރައްވައިފައިވާ ހިދުމަތްތަކަށާއި، އެބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވާފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ 2021 ވަނަ އަހަރު ދެއްވަން ފެއްޓެވި ޝަރަފުވެރި އިނާމެކެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިރޭގެ ޖަލްސާގައި ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައިގެން ޝަރަފުގެ ބެޖާއި އައްޑަނަ ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް މަރުހަބާ އާއި ތަހުނިޔާ ދަންނަވާފަ އެވެ.






