ޒޯން ބުރުގެ ފުރަތަމަ މެޗުގައި އިނގުރައިދޫ އަތުން އޭދަފުށި ބަލިވެއްޖެ

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ޒޯން ބުރުގައި ރޭ ރ. އަތޮޅު ޗެމްޕިއަން އިނގުރައިދޫއާ ދެކޮޅަށް އޭދަފުށި ކުޅުނު މެޗުން 1-3 އިން ބަލިވެއްޖެ އެވެ.

ޒޯން ދޭއްގައި ހިމެނެނީ އޭދަފުއްޓާއި އިނގުރައިދޫ އެވެ. މި ޒޯންގައި ނ. އަތޮޅު ވެސް ހިމެނެ އެވެ. އެކަމަކު ނ. އަތޮޅުން މިއަހަރުގެ މުބާރާތުގައި އެއްވެސް ރަށަކުން ބައިވެރިވެފައެއްނުވެ އެވެ. އެހެންވެ ޒޯން ބުރަށް ނުކުތްއިރު ވެސް މި ދެޓީމު އޮތީ ގަދަ 16 އަށް ދަތުރުކޮށްފަ އެވެ.

ރޭ އިނގުރައިދޫއާ ދެކޮޅަށް އޭދަފުށި ނުކުތީ މުހިއްމު ކުޅުންތެރިން ނުލަ އެވެ. މިގޮތުން އިޝާން އިބްރާހީމް (ސައްޓު) އާއި އަހުމަދު އަޝްރަފް ޔޫސުފް (ސޮބީ) ގެ އިތުރުން ކެޕްޓަން އަދި ގޯލްކީޕަރު އަބްދުﷲ ނާސިހު މެޗުގައި ކުޅެފައެއްނުވެ އެވެ. އޭދަފުށީ ޓީމުން ވަނީ ޓީމުގެ ބެންޗުގައި ތިބި ކުޅުންތެރިންނަށް ރޭ ފުރުސަތުދީފަ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ އިނގުރައިދޫ ދެ ގޯލު ކުރީގައި އޮވެގެންވެ. ދެވަނަ ހާފުގައި އެޓީމުން އިތުރު ލަނޑެއް ޖެހިއިރު އޭދަފުށިން ވެސް ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ.

މެޗުގައި އިނގުރައިދޫގެ ގޯލުތައް ކާމިޔާބުކޮށްދިނީ އަހުމަދު އައިހަމް އާއި މުހައްމަދު މަމްދޫހު އެވެ. މެޗުގައި ދެ ގޯލު ޖަހައި އައިހަމް ވަނީ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ. އޭދަފުށިގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގައި ޖެހީ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އެވެ.

މި ދެޓީމު ޒޯން ބުރުގައި ވާދަކުރާ ދެވަނަ ލެގްގެ މެޗު އޮންނާނީ އަންނަ މަހުގެ ތިންވަނަ ދުވަހު އެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް އިނގުރައިދޫ އަށް ޒޯން ޗެމްޕިއަންކަން ލިބޭނެ އެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.