
އޭދަފުށީ އަންހެނުން ކުރާ މަސައްކަތާއި ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ދޭ ގުރަހަ އެވޯޑު، މިއަހަރު ދެ ފަރާތަކަށް ދީފި އެވެ.
އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ހާއްސަ ޖަލްސާގައި މި އެވޯޑް ލިބުނީ ބ. އަތޮޅު ހޮސްޕިޓަލުގައި ނަރުހެއްގެ ގޮތުގައި ޚިދުމަތް ކުރަމުން އަންނަ އައިޝަތު ހުސައިނަށާއި އޭދަފުށީ ކައުންސިލުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ނިއުމާ އަހުމަދަށެވެ.

އެ ދެ ބޭފުޅުންނަށް އެވޯޑް ހަވާލުކޮށްދެއްވީ ރާއްޖޭގެ ކުރީގެ ބަންޑާރަ ނާއިބު އަދި މަޝްހޫރު ގާނޫނީ ވަކީލު އަލް އުސްތާޒާ އާޒިމާ ޝަކޫރެވެ.
ގުރަހަ އެވޯޑް ލިބިވަޑައިގެންނެވި އައިޝަތު ހުސައިން ހިދުމަތަށް ނިކުންނެވީ 1991ވަނަ އަހަރު، ސެންޓްރަލް ހޮސްޕިޓަލުގެ ޖޫނިއާ އެސިސްޓެންޓް ނާސް އެއްގެ ގޮތުގަ އެވެ. އޭގެ ފަހުން އޭނާ ވަނީ އައިޖީއެމްއެޗުގައި ވެސް ނަރުހެއްގެ ގޮތުން އެކި ލެވެލްގައި މަސައްކަތް ކުރައްވާފަ އެވެ.
މިހާރު ބ. އަތޮޅު ހޮސްޕިޓަލުގެ ސީނީއާ ރެޖިސްޓާޑް ނާސްގެ މަގާމުގައި މަސައްކަތް ކުރައްވަމުން އަންނަ އައިސްތު ވަނީ އޭރުން ފެށިގެން، ގައުމަށް ކުރިމަތިވި އެކި ކުއްލި ހާލަތްތަކުގައި ހިދުމަތް ކޮށްދެއްވާފަ އެވެ. ހާއްސަކޮށް، ކޮވިޑުގެ ބަލިމަޑުކަމުގައި މި ސަރަހައްހައްދުގެ ކޮވިޑް ފެސިލިޓީގައި މީހުންނަށް ފަރުވާދިނުން ހިމެނެ އެވެ.
އިޖުތިމާއީ ދާއިރާއިން ގުރަހަ އެވޯޑް ލިބިވަޑައިގެންނެވި ނިއުމާ އަހްމަދު ވަނީ 20 އަހަރުދުވަސް ވަންދެން އޭދަފުށީ އަންހެނުންގެ ކޮމެޓީގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދެއްވާފަ އެވެ. މީގެ އިތުރުން ޖަމާއަތްތެރިކަމިގެ މަސައްކަތާއި އޭދަފުށީ ކުޑަކަތީބު ކަމާއި އެ އޮފީހުގެ ޒިންމާދާރުވެރިޔާގެ މަގާމު ވެސް ފުރުއްވާފަ އެވެ.

މީގެ އިތުރުން އޭދަފުއްޓަށް ތަފާތު ދާއިރާތަކުން ހިދުމަތްކޮށްދެއްވާފައިވާތީ އެކަން ފާހަގަކޮށް ދެ ފަރާތަކަށް ޝަރަފްގެ ހަނދާނީ ފިލާ ވެސް ދީފައިވެ އެވެ. އެއީ އޭދަފުށީ ޖަވާހިރުމާގޭ ރަޒީނާ އަލީއަށާއި ބޯޑިންގ ހައުސް މަރްޔަމް ހަސަން ފުޅަށެވެ.

ރަޒީނާ އަލީ ވަނީ 18 އަހަރަށްވުރެ ގިނަ މުއްދަތަކަށް އޭދަފުށީގައި ފޫޅުމާ ކަމާއި ދިވެހި ބޭސްވެރިކަމާއި ކަށުކަމާއި ކެމީގެ މަސައްކަތް ކުރައްވާފަ އެވެ. މީގެ އިތުރުން މަދަރަސަތުލް ބަހިއްޔާގެ މުދައްރިސް ކަމާއި ހިލޭ ސާބަހަށް ކުޑަކުދިންނަށް ކީރިތި ޤުރްއާން ކިޔަވައި ދެއްވުމުގެ މަސައްކަތް ކުރައްވާފަ އެވެ.

މަރްޔަމް ހަސަންފުޅު ވަނީ ސަރުކާރުގެ ޚިދުމަތާއި ކަށުކަމާކެމީގެ މަސައްކަތާއި އަންހެނުން މިސްކިތުގެ އިމާމުކަމުގެ އިތުރުން އަންހެނުންނަށް ޖަމާއަތްތެރިކަން ދަސް ކޮށްދެއްވުމުގައި ވެސް ގިނަ އަހަރުތަކެއް ހޭދަކުރައްވާފަ އެވެ.
މިއީ އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން މި އެވޯޑު ދިން ދެ ވަނަ އަހަރެވެ.
އިނާމު ލިބިލެއްވި ލޮބުވެތި ކަނަބަލުންނަށް މަރުޙަބާ އާއި ތަހްނިޔާ އަރިސްކުރަން.